ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލުކުރީ ގޭގައި ބަހައްޓަން ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބު ދެ މަހަށް ''ހޯމްލީ އެންވަޔަރަމެންޓް''އެއްގައި ބަހައްޓަން ޑޮކްޓަރުން ލަފާދެއްވީ 24 އޮކްޓޯބަރު 2018 ގައި ކަމަށެވެ.
އަދި 24 ޑިސެންބަރު 2018 ގެ ފަހުން ޑޮކްޓަރުން އެގޮތަށް ލަފާދެއްވާފައި ނުވާކަމަށް އިމްރާންގެ ޓުވީޓުގައި ވެއެވެ.
މީގެއިތުރުން ޓުވީޓުގައި ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ ކަމަށާއި އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްގު ގާނޫނާ ޚިލާފަށް މިސަރުކާރުން ނުހިފަހައްޓާނެ ކަމަށެވެ.
އަދީބުގެ މައްޗަށް ތަފާތު އެކި ކުށްތައް ސާބިތުވުމާ ގުޅިގެން ޖުމުލަ 33 އަހަަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތަކެއް އެބަހުރި ކަމަށާއި އެހުކުމް ތަންފީޒުކުރުމަކީ ކަރެކްޝަނަލް ސާވިސްގެ މައްޗަށް ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި އެކަން އެގޮތުގައި ދެމިއޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.