ޕޮލިސް

އިސްތިއުނާފު ކުރުމުން މަންނާނަށް ފުލުހުންގެ ވަޒީފާދޭން ޖެހިއްޖެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ ވަޒީފާ އިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފަށް އަލުން ވަޒީފާދޭން ނިންމައިފިއެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާގޮތުގައި މަންނާނު ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން އޭނާ އިސްތިއުނާފުކުރުމުން، އިސްތިއުނާފު ކޮމެޓީން ނިންމާފައިވަނީ ތުހުމަތު ކުރެވޭ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އެހެންކަމުން އަލުން މަންނާނަށް ވަޒީފާދޭން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަޒީފާގެ ޒިންމާތަކުން ދުރުކޮށްފައި ބެހެއްޓުމަށްފަހު މަންނާނު ވަޒީފާ އިން ވަކިކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން 2016 ވަނަ އަހަރު ރައީސް ޔާމީން ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މަންނާނުގެ މައްޗަށް ކުރި ތުހުމަތަކީ އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.