ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުމުގެ ފުރިހަމަ ޒިންމާ އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އަހުމަދު އަދީބުގެ ޖަލު ހުކުމް ގޭބަންދަށް ބަދަލުކުރީ ޑޮކްޓަރުން އެގޮތައް ލަފާދީފައިވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތަކެއް އެބަހުރި ކަމަށާއި އެ ހުކުމް ތަންފީޒުކުރުމަކީ ކަރެކްޝަނަލް ސާވިސްގެ މައްޗަށް ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި އެކަން އެގޮތުގައި ދެމިއޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން ދީފައިވާ އިރުޝާދުގެ ދަށުން އެގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރިއަށްދާނެ ކަމަށެވެ.
ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މިހާރު ގޭބަންދުގައި ހުންނެވި އަދީބުގެ މައްޗަށް ތަފާތު އެކި ކުށްތައް ސާބިތުވުމާ ގުޅިގެން ޖުމުލަ 33 އަހަަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
އަދީބު ގޭބަންދަށް ބަދަލުކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައެވެ.