ޝަހީދާ އަބްދުﷲ ސައީދު
ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޖަލުތަކެއް އެއް ވިއުގައަކުން ގުޅައިލާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖަލުތަކުގެ މައުލޫމާތު ބަދަލުކުރުމާއި ޖަލުތަކުގެ ހާލަތު ދެނެގަތުމުގައި ހުރި ދަތިތައް ކަމަށެވެ.
އެގޮތުން ޖަލުތަކުގައި ތިބޭ މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި ގައިދީންނާ ބެހޭ މައުލޫމާތާއި ލިޔެކިއުންތައް ބަދަލުކުރުމުގައި ބޮޑެތި ދަތިތައް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ގައިދީންގެ ހާލަތު ދެނެގަތުމަށްޓަކާ އެމީހުންގެ މައުލޫމާތާ ލިޔެކިއުންތައް ބަދަލު ކުރުމަށް ދަތި އުނދަގޫ ގޮތްތަކެއް އެބަހުރި. އެކަންކަން ހައްލުކުރުމަށްޓަކާ ކުރިއަށް މިއޮތް ދެތިން މަސްތެރޭގައި ހުރިހާ ޖަލުތަކެއްގެ ހާލަތެއް ދެނެގަތުމަށް ހުރިހާ ޖަލުތަކެއްގެ މައުލޫމާތުތައް ދެނެގަނެ، އެކަން ފަސޭހަ ގޮތެއްގައި ކުރުމަށް ހުރިހާ ޖަލުތަކެއް އެއްވިއުގައަކުން ގުޅާލެވޭނެ.'' މިނިސްޓަރު އިމްރާން ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ގައިދީންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ފަސޭހަވެގެންދާނެ ކަމަށެވެ.
އަދި މިއީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިހާރު ކުރަން ފަށާފައިވާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.