މިނިސްޓަރު އިމްރާން އަބްދުﷲ

ގައިދީންގެ އެކަހެރި ބައްދަލުވުންތައް 24 ގަޑިއިރަށް، އާއިލީ ބައްދަލުވުންތައް ދެ ގަޑިއިރަށް ބަދަލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ޖަލުތަކުގައި ތިބޭ ގައިދީންގެ އާއިލީ ބައްދަލުވުމުގެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށް، އެކަހެރި ބައްދަލުވުންތަކުގެ ވަގުތު 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދުން ފެށިގެން ގައިދީންނަށް ގާނޫނީ ގޮތުން ލިބިދޭ އާއިލީ ބައްދަލުވުންތަކާއި ގާނޫނީ ވަކީލުންނާ ބައްދަލުކުރުމަށް ލިބޭ ވަގުތުތަކުގެ އިތުރުން އެކަހެރި ބައްދަލުވުންތަކުގެ ވަގުތުތައް އިތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހުކުމް ތަންފީޒުކުރުމުގެ މުހިންމު ޒިންމާއެއް އަދާކުރުމުގެ ގޮތުން ކަރެކްޝަނަލް ސާވިސްއާއި ހޯމްމިނިސްޓްރީ ގުޅިގެން ގައިދީންނާ މެދު އަމަލުކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އާއިލީ ބައްދަލުވުންތައް ހަފްތާއަކު އެއްފަހަރު، އަދި އެކަހެރި ބައްދަލުވުން މަހަކު އެއް ފަހަރު ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަކީލުންނާއި ބައްދަލުކުރުންވެސް ރަޖިސްްޓްރީ ކުރުމާއެކު ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަސްތައް ފިޔަވައި ފުރުސަތު ދެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އެކަހެރި ބައްދަލުވުންތަކަށް މީގެކުރިން ފުރުސަތު ދީފައިވަނީ މަހަކު 12 ގަޑިއިރު ކަމަށާއި މިހާރު 24 ގަޑިއިރަށް ހަމަޖެހިގެން ދިއުމުން އާއިލާއަށާއި ގައިދީންނަށް ވެސް ހިތްހަމަޖެހިގެން ކަންކަން ހިއްސާކުރެވޭނެ ކަމަށެވެ.

އަދި އޭގެ އިތުރުން މުއްދަތު ޖެހުމަށްފަހު ޖަލުގައި ބަންދުގައި ހުންނަ މީހާއަށް ވެސް އާއިލާއާ ބައްދަލުކުރުމަށް ހަތަރު މަހަށްވުރެ އިތުރުވުމުން އެކަހެރި ބައްދަލުވުންތައް ދޭގޮތަށް ވެސް ވަނީ ނިންމާފައެވެ.

އަދި އެކަހެރި ބައްދަލުވުންތައް ބާއްވާއިރު އެހެން ގައިދީންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އާއިލާ ޗެކްކުރުމަށްފަހު ގައިދީއާ ބައްދަލުކުރުވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުން ދާނެ ގޮތެއް ބެލުމަށް ކެމެރާ ހަރުކޮށްގެން ނުބަލާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.