ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ހެޔޮކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

ވެލާނާ އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނާގޮތުގައި އިއްޔެއިން ފެށިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް މަތިންދާބޯޓު ތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެއެވެ.

އެގޮތުން އިންޓަނޭޝަނަލް ބޯޓުތަކަށް އިއްޔެއިން ފެށިގެން ޖެޓް ފިއުލް ވިއްކާނީ ލިޓަރެއް 14 ރުފިޔާ އަށެވެ. އަދި ޑޮމެސްޓިކް ބޯޓުތަކަށް ޖެޓް ފިއުލް ވިއްކާނީ ލިޓަރެއް 14.1 ރުފިޔާއަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ޕަސެންޓުގެ ގޮތުން ބަލާއިރު އެއީ އިންޓަނޭޝަނަލް ބޯޓުތަކަށް 6.91 ޕަސެންޓް އަދި ޑޮމެސްޓިކް ބޯޓުތަކަށް 7.50 ޕަސެންޓުގެ ކުޑަވުމެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައި މިވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ވަރަށް ބޮޑުތަން ކުޑަކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.