ޕޮލިސް

ފުލުހުންގެ އިދާރާ ހަރުދަނާކުރުމަށް ރައްޔިތުންގެ ޚިޔާލުހޯދަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށާއި ޕޮލިސް ރިފޯމްކުރުމަށް ގާއިމްކުރާ "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މެނޭޖްމަންޓް ބޯޑުގައި، މި އޮންލައިން ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

އޮންލައިން ޕޯރޓަލް އިފްތިތާހުކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކައިގައި މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން ކަމަށް ވިދާޅުވިއެވެ.

އަދި މިޕޯޓަލް މެދުވެރިކޮށް ފެބްރުއަރީ 15އާއި ހަމައަށް ހުށަހެޅޭ ހިޔާލުތައް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމާއި އެގޮތުން ހުށަހެޅޭ ހިޔާލުތައް މޮނީޓަކޮށް ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މިއަދު އިފްތިތާހުކުރި މި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާއި އާންމުންގެ ހިޔާލު ލިބިގެން އެކުލަވައިލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭ ކަމެކެވެ.

އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓްގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ހިޔާލުތައް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.