ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް ވިދާޅުވީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މިއަދު ހަވީރު 4:00 ގައި އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށާއި މިވަގުތު އެކަމާ ގުޅޭގޮތުން އިތުރު ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކުރި އާޒިމާއާ މިއަދު ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ސުވާލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.
އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު އާޒިމާ 'ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ ފައިސާގެ މައްސަލައެއްގައި އޭނާ ހާޒިރުކުރި ކަމަށާއި ނަމަވެސް އެ މައްސަލައަކީ ތަހުގީގުކުރަމުން އަންނަ މައްސަލައަކަށްވުމުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ޑިސެމްބަރު، 15 ގައި، އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ތަހުގީގުތަކާ ގުޅިގެން ރައީސް ޔާމީންގެ އެކި އެކައުންޓުތަކުގައި ހުރި 100 މިލިއަން ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.