އިބްރާހިމް ޒަކީ
އޯޑިއޯ އާއި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ހިންގާ ޝަރީއަތްތައް އަރުޝީފުކުރުމާބެހޭ އުސޫލު އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފިއެވެ.
ޑީޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާއްމު ކޮށްފައިވާ، އެ އުސޫލުގައި ބުނެފައި ވަނީ، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި އަޑުއެހުންތައް އެ މަޖިލިސް ނުވަތަ އަޑުއެހުމެއް ނިމުމުން އުސޫލުގައިވާގޮތަށް ލޭބަލް ކޮށް ރައްކާކުރަންވާނެ ކަމަށެވެ.
އެގޮތުން ޝަރީއަތުގެ ރެކޯޑިންތައް ލޭބަލް ކުރުމަށްފަހު ދުވަސްވީ ޝަރުއީ ލިޔެކިޔުމުގެ ގޮތުގައި ބަލަން ޖެހޭ މުއްދަތުކަމަށްވާ ހަ މަސް ދުވަސް ހަމަވަންދެން ކޯޓުގައި ނުވަތަ ޝަރީއަތް ކުރާ ސެކްޝަންގައި އެކަމަށް ހާއްސަ ކޮށްފައިވާ ކޮމްޕިޔުޓަރުގައި ސޭވް ކޮށްފައި ބަހައްޓަންވާނެ ކަމަށް ބުނެފައި ވެއެވެ. ހަ މަސް ވުމަށްފަހު، އެތަކެތި އަރުޝީފް ކުރުމަށް ޓަކައި ސްޓޯރޭޖަށް ބަދަލު ކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ސްޓޯރޭޖުގައި އަރުޝީފު ކުރުމަށްޓަކައި އޯޑިއޯ އާއި ވީޑިއޯ ރެކޯޑިން ފޮނުވާނީ ޑީޖޭއޭއިން އާއްމުކުރާ ގައިޑްލައިންއާ އެއްގޮތްވާ ގޮތަށް ކަމަށްވެސް ބުނެފައި ވެއެވެ.
އަރުޝީފު ކުރާ ތަކެއްޗަކީ ދިގު މުއްދަތަކަށް ބަހައްޓަން ޖެހޭ ތަކެތި ކަމަށްވުމާއެކު އިލެކްޓްރޯނިކް ޓެކްނޮލޮޖީއަށް އަންނަ ބަދަލަކުން ނުވަތަ އެނޫންވެސް ސަބަބަކުން އަރުޝީފު ކުރެވޭ ތަކެތި ބޭނުން ނުކުރެވިދާނެކަމަށްޓަކައި، އެތަކެތި އަރުޝީފު ކޮށްފައިވާ
ގޮތަށާއި އިލެކްޓްރޯނިކް ފޯމެޓަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަމެއް ކުރާނީ ޑީޖޭއޭ އިން ކަމަށްވެސް އުސޫލުގައި ބުނެފައި ވެއެވެ.
އަރުޝީފު ކޮށްފައިވާ ރިކޯޑިންއެއް އަޑުއެހުމަށް ބޭނުންވާނަމަ ނުވަތަ ވީޑިއޯ ރިކޯޑިންއެއް ބެލުމަށް ބޭނުންވާ ނަމަ، އެކަމަށް އެދޭނީ އެ މައްސަލައެއް ބަލައި ނިންމި ކޯޓެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެކަމަށް ކަނޑައަޅާ ފީއެއް ދައްކަންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.