ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)އާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މުލިއާގޭގަ އެވެ. ރައީސް ސޯލިހުއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު މޫސަ ވަނީ އެދެބޭފުޅުން އެކުގައި ނަންގަވައިފައިވާ ފޮޓޯއެއް ޓުވީޓު ކުރައްވައިފަ އެވެ. އެހެން ނަމަވެސް މޫސަގެ ޓުވީޓުގައި އެދެބޭފުޅުންގެ ބައްދަލުވުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ލިޔުއްވައިފައެއް ނުވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން "ވަން އޮންލައިން"އިން ސުވާލު ދެންނެވުމުން މޫސަ ވިދާޅުވީ ރައީސް ސޯލިހުއާ އެކު މިއަދު ބައްދަލުވުމެއް ބޭއްވެވި ކަމަށާއި އެ ބައްދަލުވުން ގާތްގަނޑަކަށް ދެގަޑިއެއްހާ އިރަށް ދިގުދެމިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގެ އެއްވެސް ތަފުސީލެއް މޫސަ ނުދެއްވަ އެވެ.
ރައީސް ސޯލިހުއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލެއް މޫސަ ދެއްވާފައި ނުވާ އިރު، މޫސަ އާއި ރައީސް ސޯލިހުއާ ދެބޭފުޅުންނަކީ ވަރަށް އަރިސް ދެބޭފުޅުންނެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އެދެބޭފުޅުން ވަނީ ގިނަ އަހަރުތަކެއް ވާންދެން އެކުގައި މަސައްކަތް ކުރައްވައިފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގައި މޫސަ ހުންނެވި އިރު ވެސް މިހާރުގެ ރައީސް ސޯލިހު އަކީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރެވެ. އެގޮތުން ކުރެއްވި އިސްލާހީ މަސައްކަތްތަކުގައި ވެސް ދެބޭފުޅުން ވަނީ އެކުގައި އެތައް އަހަރެއް ވާންދެން މަސައްކަތް ކުރައްވައިފަ އެވެ.