ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އަދުރޭ މެލޭޝިއާއަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުންނެވެ. އޭނާ މެލޭޝިއާއަށް ވަޑައިގަންނަވަނީ ސިންގަޕޫރު މަގުންނެވެ. އަދުރޭ މެލޭޝިއާއަށް ފުރާވަޑައިގަތުމާއެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން މީސް މީޑިއާގައި ތުހުމަތުކުރާ ގޮތުގައި އަދުރޭ ވަނީ ފިއްލަވައިފައެވެ. ނަމަވެސް އެ ތުހުމަތާ ގުޅިގެން އަދުރޭގެ ބަހެއް އަދި ނުލިބެއެވެ.
ޕީޕީއެމްގެ އިސް ބޭފުޅަކު "ވަން އޮންލައިން"އަށް ވިދާޅުވީ އަދުރޭ މެލޭޝިއާއަށް ވަޑައިގަތީ އޭނާގެ ދަރިފުޅުގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ބައެއް ބޭފުޅުން މީގެ ކުރިން ވަނީ އަދުރޭގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން މާލޭގައި "ރެހެންދި 6" އިމާރާތުގެ ފްލެޓްތަކުގެ ތެރެއިން އަދުރޭގެ ދެކަނބަލުން އެއް ފަހަރާ ނުވަ މިލިއަން ރުފިޔާ ދެއްކުމަށް ފަހު ދެ ފްލެޓު ބައްލަވައިގަނެފައިވާ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވަނީ އެކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ އެ މައްސަލަ ތަހުގީގު ކުރިޔަސް މައްސަލައެއް ނެތް ކަމުގައި ވިދާޅުވެފައެވެ.
އޭގެ ދުވަސްތަކެއް ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާގައި ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ލ. ފޮނަދޫގެ ދެ އާއިލާއަކަށް ފައިސާ ބެހުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަދުރޭ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވާހަކަދައްކަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފޯން ކޯލް ރެކޯޑިންއެއް ވެސް މީސް މީޑިއާގައި ވަނީ މީގެ ކުރިން އާންމުވެފައެވެ.