ޝަހީދާ އަބްދުﷲ ސައީދު
ހުޅުމާލޭ ކެފޭއެއްގެ ތެރޭގައި ތިބި ބިދޭސީ ބަޔަކު ޖުވާ ކުޅެން ތިބިކަން އެނގެން ނެތް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލޭ ކެފޭއެއްގެ ތެރޭގައި ބިދޭސީންތަކެއް ޖުވާ ކުޅޭކަމުގެ ރިޕޯޓެއް ލިބުމުން ފުލުހުން އެތަނަށް ގޮސް ބެލިއިރު އެފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް ''ވަން އޮންލައިން'' އަށް ލިބިފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކެފޭ ތެރޭގައި ބޭރު ބަޔަކު ތާސްކުޅެމުން ދިޔައިރު ކޮންމެ މީހަކު އަތުން މޭޒުމަތީގައި ފައިސާ ބަހައްޓާ މަންޒަރު ފެނެއެވެ.
މަންޒަރު ދުށް މީހަކު ވަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ބިދޭސީންތަކެއް ކެފޭގައި ތާސް ކުޅެމުން ކޮފީ ބޯން ތިބުމަށްފަހު އެންމެން އަތުން ފައިސާ ނެގީ ބިލު ދައްކަން ކަމަށެވެ.