މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރާ ގަވައިދަށް އަމަލުކުރުން އަނެއްކާވެސް ފަސްކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ އެމީހުންގެ ބޭންކު އެކައުންޓަށް ޖަމާކުރުމަށް މަޖުބޫރުކޮށްފައިވާ ގަވައިދަށް އަމަލުކުރުން ސަރުކާރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ބިދޭސީންގެ މުސާރަ އާއި ބެހޭ ކަންކަން ވަޒީފާދޭ ފަރާތުން ތަންފީޒު ކުރުމާ ބެހޭ ގަވައިދުގައި ކުރިން ބުނެފައިވާގޮތުން 1 ޖެނުއަރީ 2019 އިން ފެށިގެން ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާނުކޮށްފިނަމަ ވަޒީފާދޭ ފަރާތް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ނަމަވެސް ކުރީގެ ސަރުކާރުން ވެސް ދެފަހަރަށް ފަސްކޮށް އެކުލަވައިލި އެގަވައިދު އިސްލާހުކޮށް ޖޫރިމަނާކުރާ ތާރީހު މިހާރުވަނީ 1 ޖުލައި 2019 އަށް އަނެއްކާވެސް ފަސްކޮށްފައެވެ.

މުސާރައާއި ބެހޭ ކަންކަން ވަޒީފާދޭ ފަރާތުން ތަންފީޒު ކުރުމާ ބެހޭ ގަވައިދަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޖޫރިމަނާ ފައިސާގެ އެއްވެސް އަދަދެއް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގާނީ 01 ޖުލައި 2019 އިން ފެށިގެން ކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެކައުންޓަށް ޖަމާނުކޮށް، މުސާރަ އާއި އިނާޔަތްތައް ދޭ ނަމަ، ވަޒީފާދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތަށް ގާނޫނު އިސްލާހު ކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ރެމިޓެންސް ޓެކްސް ނަގަން ފެށުމުން އެކަމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.