ބޮލީވުޑްގެ މަގްބޫލު އެކްޓަރު އަދި ކޮމީޑިއަން ކާދަރު ޚާން މަރުވެއްޖެއެވެ.
އުމުރުން 81 އަހަރުގައި ކާދަރުޚާން މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކެނެޑާގައި ބޭސްފަރުވާ ކުރަމުންދަނިކޮށް ކަމަށް އޭނާގެ ދަރިފުޅު ސަފްރާޒް މައުލޫމާތުދެއެވެ.
ސަފްރާޒް ބުނި ގޮތުގައި ކާދަރު މަރުވީ އިރުއޮއްސި ހައެއް ޖެހިއިރުއެވެ. އޭރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާތާ 16 ނުވަތަ 17 ހަފްތާ ވެފައި ވާކަމަށް ވެއެވެ. އަދި އިއްޔެ މެންދުރުގެ ވަގުތެއްގައި ކާދަރު ވަނީ ކޯމާއަކަށްވެސް ގޮސްފައެވެ.
ކާދަރު ވަޅުލުމުގެ ކަންކަން ކުރިއަށް ދާނީ ކެނެޑާގައި ކަމަށް ސަފްރާޒް މައުލޫމާތު ދެއެވެ. އޭނާ ބުނިގޮތުގައި މުޅި އާއިލާ މިވަގުތު ތިބީ ކެނެޑާގައެވެ.
ކާދަރަކީ ހާއްސަކޮށް ކޮމެޑީ ރޯލުތަކުގައި މަގްބޫލު އެކްޓަރެކެވެ. ކާދަރު މަރުވުމާ ގުޅިގެން ބޮލީވުޑްގެ ގިނަ ފަަންނާނުންނެއް ދަނި ތައުޒިޔާ ފޮނުވަމުންނެވެ.