މުނިފޫހިފިލުވުން

ކަސޯޓީ ދޫކޮށްނުލަން ޕާތު ނިންމައިފި

އީމާ މުހައްމަދު ވަހީދު

ސްޓަރ ޕްލަސްއިން ގެނެސްދީ މަޝްހޫރު ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ 2" އަނުރާގު ބާސޫގެ ރޯލު ކުޅޭ ޕާރތު ސަމްތާނު އެ ޝޯ ދޫކޮށްލާ ކަމުގެ ވާހަކަތަކެއް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އިވިފައެވެ.

ޕާރތު ވަނީ ކަސޯޓީ ދޫކޮށްލުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ނޯޓިސް ވެސް ދީފައެވެ. އެހެން ނަމަވެސް ޕާރތު މިހާރު ވަނީ ކަސޯޓީ ދޫކޮށް ނުލުމަށް ނިންމައިފައެވެ. ޕާރތު ޝޯގައި ހުންނަން ނިންމީ އޭނާ ހުށަހެޅި ޑިމާންޑްތައް ޕްރޮޑަކްޝަން ޓީމުން ގަބޫލުކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާރތު ހުށަހެޅި ޑިމާންޑްތަކުގެ ތެރޭގައި އޭނާއަށް ޝޯ މެދުވެރިކޮށް ލިބޭ މުސާރަ ބޮޑު ކުރުމަށާއި، ޝޯގައި އޭނާގެ ރޯލު ބޮޑަށް ފެންނަ ގޮތަށް ބަދަލުކުރުންވެސް ހިމެނެއެވެ. އީޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާރތު ޝޯ ދޫކޮށްނުލާން ނިންމީ ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރާ މަޝްވަރާ ކުރުމަށް ފަހުއެވެ.

ސްޓަރ ޕްލަސް އިން އަލުން ދައްކަން ފަށާ "ސާތު ނިބާނާ ސާތިޔާ" ގެ ސީޒަން 2 ފެށުމަށް ތައްޔާރުވަމުން އަންނައިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މިހާރު ކަސޯޓީ ދައްކަމުން އަންނަ ގަޑީގައި ދެން ދައްކާނީ ސާތު ނިބާނާ ސާތިޔާ ދެވަނަ ސީޒަންއެވެ.