ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކެއް ދެއްކި ކަމަށް ބުނެ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުގެ މައްސަލަ ބެލުމަށް އެ ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ބުނެ އެ ކޯޓުން ނޫސްބަޔާނެއް ނެރެފައިވާ އިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ ކްރިމިނަލް ކޯޓާއި ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރައްވައިފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޓާ ގުޅޭގޮތުން ސުއޫދު ދައްކަވާފައިވާ ވާހަކަތަކަކީ ލިބިފައިވާ ރަސްމީ ހައިސިއްޔަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނާޖާއިޒު މަންފާތަކެއް ހޯދައި، ގައުމު ހަލަބޮލިކޮށް މިނިވަން ޖުޑީޝަރީ އަޅުވެތިކުރުމަށް ދައްކާފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމާ މެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ޝަރުއީ ނިޒާމުގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ދައުރަކީ ކަނޑައެޅިފައިވާ ވަކި މައްސަލަތަކެއް ތަހުގީގުކުރުން ކަމަށްވާއިރު، ކޮމިޝަނުގެ އިހުތިޞާސްގެ ބޭރުން މި ކޯޓުގެ ހުރުމަތް ކެނޑޭނޭހެން މީޑިއާގައި ވާހަކަދައްކައި މި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް ދެއްކުމުގެ ގޮތުން ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތައް މި ކޯޓުން ކުށްވެރިކުރަމެވެ...،" އެ ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމަކާ ނުލައި، އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ޝަކުވާ ބަލައިގަތުމުގެ ގާނޫނީ ބާރުވެރިކަން އޮތް އެއްވެސް މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަކާ ނުލައި، ފަނޑިޔާރުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު އަދި ފިތުނަވެރި ވާހަކަތައް ފަތުރައި، ޖިނާއީ އަދުލުގެ ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރާތަކުން ކުރިޔަސް އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަ ތަހުގީގުކުރި ނަމަވެސް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭނެ ކަމަށް ހުސްނުއްސުއޫދު ބުނެފައިވާ އިރު، މި ކޯޓުގެ ފަނޑިޔާރުންނަށް ހުސްނުއްސުއޫދު ކުރާ ތުހުމަތާ ގުޅޭގޮތުން އަމިއްލައަށް ގޮތެއް ނިންމައިގެން ހުސްނުއްސުއޫދު ވާހަކަދެއްކިކަމީ، ހުސްނުއްސުއޫދު ހުސްނުއްނިއްޔާއެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމުގައި މި ކޯޓުން ދެކެމެވެ..،" ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޖިނާއީ އަދުލުގެ ނިޒާމާ މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއްދީ ކްރިމިނަލް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުން ހުރުމަތް ކެނޑޭނޭހެން ކުރާ ކަންކަން އެ ކޯޓުން ބަލަމުންދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.