ސުޕްރީމް ކޯޓް

ކޯޓުތަކާއި ގޭންގުތަކާ ގުޅުންހުރި ހެކިތައް ސުޕްރީމް ކޯޓާ ހިއްސާކޮށްދިނުމަށް އެދިއްޖެ

ޝަރުއީ ކޯޓުތަކާއި ގޭންގުތަކާ ގުޅުންހުރި މައުލޫމާތުތަކާއި ހެކިތައް ސުޕްރީމް ކޯޓާ ހިއްސާކޮށްދިނުމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެއެވެ.

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު އިންސާފު ނުލިބޭނެ ކަމަށާއި ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ޑީޖޭއޭ އިން ބުނީ އެ ބައްދަލުވުމުގައި ޝައުރީ ދާއިރާ އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން އެ ކޮމިޝަނުން ފާހަގަކުރި ކަންތައްތަކުގެ ހަގީގަތް ހޯދައި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެކަންކަމުގެ މައުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކޮށްދިނުމަށް މިހާރު ވާނީ ރިޔާސީ ކޮމިޝަނުގައި ދަންނަވާފައި ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޑީޖޭއޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަނުން ބުނީ ގޭންގުތަކުން ނޮމިނޭޓްކުރާ ފަރާތްތަކަށް ކޯޓުތަކަށް އައްތަންކުރުމަކީ ހިނގާފައިހުރި ކަންތައްތައް ކަމަށާއި ފަނޑިޔާރުންގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތައް ހަރަކާތްތެރިވާ ކަމަށެވެ. އަދި އެގޮތުން މަރުގެ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންނާއި ގޭންގުތައް ގުޅިގެން ސިއްރު ހެކިތައްދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދިނުމަކީ ވެސް ކޯޓުތަކުގެ ތެރެއިން ކޮށްފައިވާ ކަންތައް ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ނުފޫޒުގައި ޖެހި ހެކި ގެއްލުވާލައި އަދުލު އިންސާފަށް ހުރަސްއެޅުމުގެ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުގެ ރައީސް ސުއޫދު ވިދާޅުވެފައިވެއެވެ.