ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން އާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ ފައިސާގެ މައްސަލައެއްގައި އޭނާ ހާޒިރުކުރި ކަމަށެވެ. ނަމަވެސް އެމައްސަލައަކީ ތަހުގީގުކުރަމުން އަންނަ މައްސަލައަަކަށްވުމުން އިތުރު މައުލޫމާތު ދެއްވެން ނެތްކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވަނީ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ޑިސެމްބަރު، 15 ގައި، އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ތަހުގީގުތަކާ ގުޅިގެން ރައީސް ޔާމީންގެ އެކި އެކައުންޓުތަކުގައި ހުރި 100 މިލިއަން ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.