ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

މުވައްޒަފުންނަށް ހައިލުގެ ޗުއްޓީ ދިނުމަށާއި އެ ޗުއްޓީ ނުނަގާނަމަ އިތުރު އެއްދުވަހުގެ މުސާރަދޭން ހުށަހަޅައިފި

އިބްރާހިމް ޒަކީ

2

ކޮންމެ އަންހެން މުވައްޒަފަކަަށް ހައިލު ވުމާއި ގުޅޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު އެއްދުވަހުގެ ޗުއްޓީ ދިނުމަށް ގާނޫނުގައި ހިމަނަން ހުށަހަޅައިފިއެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި މި އިސްލާހު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މި އިސްލާހުގައި ބުނެފައިވަނީ ވަޒީފާގެ ގާނޫނުގައި ބުނާ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަަށް ހައިލު ވުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށެވެ.

މި ޗުއްޓީއަށް އެދޭ މުވައްޒަފު އެ ޗުއްޓީ ހައްގުކަން ސާބިތު ކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.

އެގޮތުން ދެވޭ ޗުއްޓީގެ ބޭނުން ނުކޮށް ވަޒީފާއަށް ނުކުންނަ ނަމަ ކޮންމެ މަހަކު ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުންގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެމުވައްޒަފަަކަށް ދޭންވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.

މި އިސްލާހު ގެންނަން ހުށަހެޅި ބޭނުމެއް ކަމަށް ބިލުގައި ސިރާޖު ވިދާޅުވެފައިވަނީ، އަންހެން މުވައްޒަފުން ހައިލުގެ ދުވަސްވަރު އުފުލާ ތަކުލީފުތައް ގަބޫލުކޮށް ހައިލުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެ އަމަލު ކުރަމުން އަންނަ އުސޫލަކަށްވާތީ ކަމަށެވެ.

އޭގެ އިތުރުން އެ އުސޫލު ރާއްޖޭގައި ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށް ވާނެތީ އާއި ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާތީ އެ އިސްލާހު ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟