ބަލައި ފާސްކުރުމަށް ހިންގި ބޮޑު ހަރަކާތުގައި 343 ތަނެއް ބަލައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ކޮށްފައިވާ ޓުވީޓެއްގައެވެ.
އެގޮތުން މާސް އިންސްޕެކްޝަން ޓީމުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން މި ޓުވީޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މި މާސް އިންސްޕެކްޝަނުގައި ހިދުމަތްދޭ ތަންތަން އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭތޯ ބަލަމުން އަންނަ ކަމަށާއި، މިހާތަނަށް މި އިންސްޕެކްޝަނުގައި ޖުމުލަ 343 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭގެ ތެރޭގައި 236 ފިހާރައަކާއި ކެއުމުގެ ހިދުމަތްދޭ 90 ތަނެއް 15 ސެލޫން އަދި ޖިމަކާއި މާރުކޭޓެއް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ޖުމުލަ 343 ތަނުން 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މާލޭ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބޭރުގައި އުޅޭއިރު ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކު އެޅުން މަޖުބޫރުކޮށްފައި ވެއެވެ.
އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން، ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުން އިސްތިސްނާ ވާ ގޮތަށެވެ.
މީގެ އިތުރުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް މަގުމަތީގައި އުޅުންވެސް މަނާކޮށް، ރޭގަނޑު 8:00 އިން ފެށިގެން ވެހިކަލް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.