އިންސާފުގެ މަގަށް ކުރާ ދަތުރު ކާމިޔާބުކުރެވޭނީ އަބަދުވެސް އިންސާފު އިސްކޮށްގެން ކަމަށާއި އިދިކޮޅު އިއްތިހާދުން ކުރި މަސައްކަތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ދާއިމީ ނަތީޖާ އިއުލާންކުރުމާ ގުޅިގެން އުފާފާޅުކުރުމަށް އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އިދިކޮޅު އިއްތިހާދަށް ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ޖެހޭނެ ކަމަށާއި އެކަމަކު ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އަނިޔާއާއި ބޭއިންސާފު އިސްކޮށްގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ލިބުނު ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އަޅުގަނޑުމެން އަނިޔާ އިސްކޮށް، ބޭއިންސާފު އިސްކޮށް، އަޅުގަނޑުމެން އެހެން މީހުންގެ ލޮލަށް ކަރުނަ ގޭހާއި އަދި އެހެން މީހުންގެ ގަޔަށް މުގުރިބުރި އަރުވާކަށް ނޫން. އަޅުގަނޑުމެން ދެއްކި ވާހަކަ، އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. އިންސާފުގެ މަގަށް އަޅުގަނޑުމެން މިކުރާ ދަތުރު، ކާމިޔާބުކުރެވޭނީ އަޅުގަނޑުމެން އަބަދުވެސް އިންސާފު އިސްކޮށްގެން. އިންސާފަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ވަގުތުވީ މިންވަރަކުން އަޅުގަނޑުމެން އެ މަސައްކަތް ކުރަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބުކޮށްގެން ނިންމާލެވޭކަށް ނެތް ކަމަށާއި އެކަމަށް ފަހުގައި ގައުމުގެ ކަންތައްތައް ހިންގުމުގައި ކޮންމެ ދުވަހަކުވެސް އެމީހެއްގެ ބައިވެރިވުން އޮތްކަން ދައްކަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީއަކީ އެއް ދުވަހަކުން ދެ ދުވަހަކުން ފައްކާކުރެވޭ ނިޒާމެއް ނޫން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި ޑިމޮކްރަސީއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވަހަކު ވެސް، އަޅުގަނޑުމެން ރަށްރަށުގައި ތިބޭ ރައްޔިތުން ކޮންމެވެސް ވަރަށް ބައްލަވަން ޖެހޭނެ ކައުންސިލްތައް ހިނގާ ނުހިނގާ ގޮތް. ސިޓީތަކުގައި ތިއްބެވި ބޭފުޅުން ސިޓީ ކައުންސިލްތައް ކޮންމެވެސް ވަރަކަށް ހިނގާ ނުހިނގާ ގޮތް ބައްލަވަން ޖެހޭނީ. ހަމައެއާއެކީގައި މުޅި ގައުމުގެ ކަންތައްތައް އެމުނި އެކުލެވެމުންދާ އިރުގައި އަޅުގަނޑުމެން ބޭނުން ނުވާ ގޮތަކަށް ކަން ހިނގާ ކަމަށްވަންޏާ، އެކަންކަން އެ އުފުލަންވީ ފަރާތްތަކަށް ޝަކުވާއެއްގެ ގޮތުގައި ނަމަވެސް މައްސަލައެއްގެ ގޮތުގައި ނަމަވެސް އެކަންތައް ގެންދަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވާދަކޮށް ކުރި ހޯއްދެވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.