ޝަހީދާ އަބްދުﷲ ސައީދު
ކުޑަކުދީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ހަރުދަނާ ގާނޫނެއް ފާސްކުރުން ކަމަށް ޖެންޑަރ މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސިދާތާ މިހެން ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް މިއަދު އެމިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށްޓަކައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ހަރުދަނާ ގާނޫނެއް އޮތުން މުހިންމުކަމަށް ފެނިވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެބިލު ފާސްވެ ގާނޫނަށް އަމަލުކުރަން ފެށުމުން ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ސިދާތާ ވިދާޅުވިއެވެ.
''ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޮތް އެންމެ މުހިންމު ކަމަކީ މިހާރު އޮތް ގާނޫނަށްވުރެ ހަރުދަނާ ގާނޫނެއް ހެދުން. އެފަދަ ބިލެއް މަޖިލީހަށް މިހާރު ހުށަހެޅި މަސައްކަތް ކުރިއަށް އެބަދޭ. ގާނޫނު ފާސްވުމުން މިހާރު ދިމާވާ ބޮޑެތި މައްސަލަތަކަށް ހައްލުލިބިގެންދާނެ.'' މިނިސްޓަރު ސިދާތާ ވިދާޅުވިއެވެ.