އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުގެ ކުލަޔާއި ލޯގޯ ބަދަލުކުރަން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުލަޔާއި ލޯގޯ ބަދަލުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އެކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ކޮމިޝަނުގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ޓުވީޓާ ގުޅިގެން ސުވާލު ދެންނެވުމުން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އަކްރަމް މިއަދު ވިދާޅުވީ ކޮމިޝަނުގެ ކުލަ އާއި ލޯގޯ ބަދަލުކުރުމުގެ ޚިޔާލަކީ މީގެ ދެއަހަރެއްހާ ދުވަސް ކުރީއްސުރެ ވެސް ގެންގުޅެމުން އަންނަ ޚިޔާލެއް ކަމަށާއި މިހާރު އެ މަޝްވަރާތައް ރަސްމީކޮށް ފަށައިގެން ކުރިޔަށް އެބަދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ބޭނުން އެކުރާ ލޯގޯއަށް ވަރަށް ގިނަ މީހުން ފާޑުކިޔާ. އެހެން ހުރި ފާޑުކިޔުން ތަކަށް ވަރަށް ބޮޑަށް ކޮމިޝަނުގެ މެންބަރުން ވެސް ވިސްނަވާފަ ބަދަލު ގެންނަން ނިންމީ." އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އިކެލްޝަންސް ކޮމިޝަނުގެ އާ ލޯގޯ އާއި ކުލަ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އާންމުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ (ޕީއެންސީ)ގެ ކުލަ، އިލެކްޝަނުން ބޭނުންކުރަމުން އަންނަ ކުލަ އާއި ދިމާވާތީ، އެ ކޮމިޝަނުން ބޭނުންކުރަމުން އަންނަ ކުލަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.