ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިރާއްޖޭއަށް އިސްލާމީ ނޫރު ފޯރުން 1

މުހައްމަދު ނާޖިހު

3

ދިވެހިރާއްޖެއިން އިސްލާމީ ނޫރު އެންމެ ފުރަތަމަ ފޯރީ ދިވެހިރާއްޖޭގެ އެންމެ ދެކުނު އަތޮޅު ކަމަށްވާ އައްޑުވަށް ކަމަށް އެއަތޮޅުގެ މީހުން ކިޔައި އުޅެއެވެ. އެއަށްފަހު އެއަތޮޅުން ފުވައްމުލަކަށް އިސްލާމްދީން ފެތުރުނުކަމަށް ކިޔަތެވެ. އައްޑު އަތޮޅުން އެންމެ ފުރަތަމަޔަށް އިސްލާމްވީ މީދޫކަމަށް ކިޔާ މަޝްހޫރު ރިވާޔަތެއްވެސް އޮވެއެވެ. އަދި ހަމަ އެހެންމެ އެންމެ ފުރަތަމަ އިސްލާމްވީ މަރަދޫ ކަމަށް ކިޔާ މަޝްހޫރު ނޫން ރިވާޔަތެއްވެސް އޮވެއެވެ. މިގޮތުން މަޝްހޫރުކޮށް ދޫދޫމަތީން ނަގުލުވަމުން އަންނަ ވާހަކަ ބުނާގޮތުން ނަމަ އައްޑުއަތޮޅަށް އިސްލާމީ ނޫރު ފޯރުކޮށްދިނުމަށްޓަކައި މާތް ރަސްކަލާނގެ މެދުވެރިކުރެއްވި ފަރާތަކީ ޔަމަނުކަރައިގެ ބޭކަލެއް ކަމުގައިވާ ޔޫސުފު ނާއިބޭ ކިޔުނު ބޭކަލެކެވެ. މި ޔޫސުފު ނާއިބަކީ އައްޑު އަތޮޅު މީދުވަށް ކަނދުފައްޗެއްގައި ލެއްގި ބޭކަލެއްކަމުގައިވެސް ބުނެވެއެވެ. އަދި ބުނެވޭ ގޮތުގައި މި ޔޫސުފު ނާއިބަށް އައްޑު އަތޮޅަށް ވަޑައިގެންނެވުނީ ނުވަތަ ލެއްގީ ދިވެހި ރަސްކަން އިސްލާމުވުމުގެ އަހަރުތަކެއް ކުރީންނެވެ. މިދެންނެވި ޔޫސުފު ނާއިބު އަވަހާރަވެ ފަސްދާނުލެވިފައި ވަނީވެސް މީދޫ ކޯގަންނުގައެވެ. އާދެ، ކޯގަންނު މެދުޒިޔާރަތޭ ކިޔުނު ޒިޔާރަތެއްގެ ތެރޭގައެވެ. މަޝްހޫރު ނޫން މަރަދޫ މީހުންގެ ވާހަކައިގައި ކިޔާ ގޮތުން މަރަދޫ އިސްލާމްވީ މަރަދޫ ފުއްޓަރު ފަރާތު ފަރުމަތީގައި އޮންނަ ހުރާގަނޑަކަށް އުރުނު ނަވަކުން ވަޑައިގެންނެވި ޤާދިރު ކަލޭގެފާނޭ ކިޔުނު ބޭކަލެއްގެ އަތްޕުޅު މައްޗަށެވެ. މިދެންނެވި ހުރާގަނޑަށް ނަންދެވިފައި އޮތީ އަރަބި ބަހުން"ހަޖަރު" އޭ ކިޔާފައެވެ. އާއްމު ނަމަކީ ނައުއުރުނު ހަޖަރެވެ. މިދެންނެވި ޤާދިރު ކަލޭގެފާނުގެ ޒިޔާރަތްވެސް އަދި އަދަށް ދާނދެން މަރަދޫގައި އެބަހުއްޓެވެ.

ކޮންމެއަކަސް މި ދެ ވާހަކައިގެ މައްޗަށް ނަޒަރު ހިންގާއިރު އަދި މި ދެވާހަކައިގައި ހިމެނޭ ދެބޭކަލުންގެ ނަމަށް ބަލާއިރު ޔޫސުފު ނާއިބު ކަލޭގެފާނުގެ މަތިކޮޅާއި މަރަދޫ ޤާދިރު ކަލާގެފާނުގެ މަތިކޮޅާ ވަރަށް ބޮޑު ގުޅުމެއް އޮތްކަން ދޭހަވެއެވެ. ސަބަބަކީ ޔޫސުފް ނާއިބުގެ މަތިކޮޅު މީދޫ މީހުންގެ ދަރިފަސްކޮޅު ލިޔާފޮތެއްގައި ލިޔެފައި އޮތްގޮތުން އެކަލޭގެފާނުގެ މަތިކޮޅުންވެސް ޤާދިރުން އަންނާތީއެވެ. އާދެ އެފޮތުގައި އޮތީ މިއިބާރާތުންނެވެ.

"ސުލައިމާނު ޤާދިރު ކަލޭގެފާނުންގެ ފުތް ސޫރު ޤާދިރު ކަލޭގެފާނުންގެ ފުތް ޢީސާ ޤާދިރު ކަލޭގެފާނުންގެ ފުތް އައްނާއިބު ޔޫސުފު. މި ޔޫސުފު ނާއިބު ތަކުރުފާނުންގެ..."

އެހެން ކަމުން ބެލެވޭ ގޮތުގައި މަރަދޫ ޤާދިރު ކަލޭގެފާނަކީ މީދޫ ޔޫސުފު ނާއިބު ތަކުރުފާނުންގެ މަތިކޮޅުގައިވާ ބޭކަލުންގެ ތެރެއިން ބޭކަލެއް ނުވަތަ އެ ބޭކަލުންގެ ތެރެއިން ބޭކަލެއްގެ އެއްބަނޑު މީހެކެވެ. މި ދެބޭކަލަކަށް އައްޑުއަށް ވަޑައިގެންނެވުނީ އެކު އެކީގައި ކަމަށްވެސް ވެދާނެއެވެ. މީދޫގެ ތާރީޚުގެ ކަންކަން ހޯދައި ބަލައި އުޅޭ މީހެއްގެ ނަން ނުލިޔެ ހަވާލާދީފައިވާ ލިޔުމެއް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި ހުރި ނޯޓުތަކަކުން އަޅުގަނޑު ދުށީމެވެ. އޭގައި އޮތީ މިފަދައިންނެވެ.

"ސ. މީދޫގެ މިބާވަތުގެ މައުލޫމާތު ހޯއްދަވާ ބޭކަލެއްގެ ފަރާތުން އެނގުނު ގޮތުގައި މީދޫ އިސްލާމްކުރެއްވި ކަމަށް ބުނާ އައްނާއިބު ޔޫސުފަކީ، މިރަށު (އެބަހީ މަރަދޫ) ހިރިގާ މިސްކިތުގެ ޒިޔާރަތުގައިވާ ޤާދިރު ކަލޭގެފާނާއި ގުޅުން ހުރި ބޭކަލެކެވެ. ވީމާ، މީނާގެ ނަމަކީ ޢީސާ ކަމަށް ބުނެވެއެވެ."

ކުރިން މީދޫގައި ކިޔާ ޔޫސުފު ނާއިބުގެ މަތިކޮޅުގެ ވާހަކަ ލިޔެފީމެވެ. އޭގައި އޮތް ގޮތުން ޢީސާ ޤާދިރު ކަލޭގެފާނަކީ ޔޫސުފު ނާއިބުގެ ބައްޕައެވެ. އެހެންކަމަށްވާނަމަ ދެވާހަކަ ދިމާކުރަން ވަރަށް ފަސޭހައެވެ. އެހެންނަމަވެސް އެވާހަކަ އެނޫން ގޮތްގޮތަށް ކިޔުއްވާ ބޭބޭފުޅުންވެސް އެބަތިއްބެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ރަސްކަމަކީ އިސްލާމް ރަސްކަމަކަށް ބަދަލުވުމުގެ ކުރީގައި އައްޑުއާއި ފުވައްމުލަކުގައި އިސްލާމީ ނޫރު ފެތުރުނު ވާހަކަޔަކީ މި ދެ އަތޮޅުގެ ފޯކުލޯރުގައިވެސް ހިމެނޭ މުހިންމު ވާހަކައެކެވެ. މި ވާހަކަޔަށް ބާރުދޭ އެތައް ތާރީޚީ އާސާރެއް އަދިވެސް އެ އަތޮޅުތަކުގައި ފެންނަން އެބަހުއްޓެވެ. މި ވާހަކަ ހަމަމިމަގުން އައްޑޫގައި ކިޔައި އުޅޭ ކަމަށް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުވެސް ވަނީ ލިޔުއްވާފައެވެ. އެހެންނަމަވެސް މި ވާހަކަތަކަށް ރައްދުދެއްވައި ޔޫސުފު ނާއިބަކީ މާފަހުގެ ބޭކަލެއްކަމަށް ވިދާޅުވެ ބައެއް މުއައްރިޚުން ލިޔުއްވާފައިވެސް އެބަހުއްޓެވެ. އަދި އެހެން ވިދާޅުވާ ބޭފުޅުންވެސް އެބަތިއްބެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ އިތުރަށް ދިރާސާތަކެއް ކުރެވެންޖެހޭ ކަމެކެވެ. ނަމަވެސް މި ލިޔުމުގައި އައްޑޫގައި އެކަމުގެ މައްޗަށް ކިޔައިއުޅޭ ވާހަކަތަކާއި ފުއްވަމުލަކުގައި ކިޔައިއުޅޭ ވާހަކަ ކުރު ގޮތަކަށް ހިމަނައިލާނަމެވެ. މިގޮތުން މީދޫގައި ކިޔާ ވާހަކަ ލިޔެފައިވާނީ މީދޫގެ ތާރީޚު ދިރާސާކުރައްވައި ލިޔުއްވާ ދެބޭފުޅުން ކަމަށްވާ އިމާދު ލަތީފާއި ކަޅިހާރި އަހުމަދު މުޖުތަބާ ލިޔުއްވާފައިވާ ލިޔުންތަކުން ނަގުލުކޮށްގެންނެވެ. މަރަދޫ ވާހަކަ ލިޔެފައިވާނީ މަރަދޫގައި ދިގު ޒަމާނެއްވާންދެން ވެރިކަންކުރެއްވި ރެކިބިޔާގެ (ޖަވާހިރުމާގޭ) އަބްދުއްލަތީފް މުހައްމަދު ރިވާކުރެއްވި ގޮތަށެވެ. އަދި ފުވައްމުލަކުގައި ކިޔާ ވާހަކަ ނަކަލުކޮށްފައިވަނީ ފުވައްމުލަކުގެ ތާރީޚާ ގުޅޭ ގިނަ ދިރާސާތަކެއް ކުރައްވައި ލިޔުއްވި އެރަށު އަސްރަފީގޭ އިބްރާހީމް ސަޢީދު މޫސާގެ ލިޔުއްވުމަކުންނެވެ.

އައްޑު އަތޮޅު އިސްލާމްވިކަމަށް ބުނާ މަޝްހޫރު މީދޫ ވާހަކައިގައި ބުނާ ގޮތުން އެބޭކަލެއްގެ އަތްޕުޅުމައްޗަށް އައްޑޫ އިސްލާމްވި ޔޫސުފު ނާއިބު ލެއްގި ސަރަހައްދަށް މީދޫ މީހުން ކިޔައިއުޅެނީ އެޅެދިހަރިފަންނެވެ. ދޫދޫމަތީން ވާހަކަ ނަގުލުވެފައިވާ ގޮތުގައި މީދޫއަށް މި ލެއްގި ޔޫސުފު ނާއިބު ހުންނެވީ އެއިރު އެރަށުގެ ވެރިޔަކަށް ހުންނެވި ކަޅިހާރު އޭ ކިޔުނު ބޭކަލެއްގެ ގޭގައެވެ. އަދި އެގޭގައި ހުންނަވާތާ އެތައް މަހެއް ފާއިތުވުމަށްފަހު ކަޅިހާރުގެ ދަރިކަނބަލުން އެޅެދިހާރާއި ކައިވެނި ކުރެއްވިއެވެ. އެއިރުވެސް އަދި އިސްލާމްކަމުގެ ނިޝާނެއް ޔޫސުފު ނާއިބު ފާޅު ނުކުރައްވާކަމުގައި ވެއެވެ. ޔޫސުފު ނާއިބު ނަމާދު ކުރައްވާ ތަނާއި އަދި އެހެނިހެން ކަންކަން އެންމެ ފުރަތަމަޔަށް ފެނި އެކަމާއި ސުވާލު ކުރެއްވި ފަރާތަކީ އަނބިކަނބަލުން އެޅެދިހާރެވެ. އަދި އެކަމަނާޔަށް ދީނުގެ ކަންކަން އޮޅުން ފިލުވައިދެއްވައި ހެއްދެވުމުން އެހާމެ ފަސޭހައިން އެކަމަނާ އިސްލާމްވީކަމުގައިވެސް ބުނެވެއެވެ.

ޔޫސުފު ނާއިބު އާއި އޭނާގެ އަނބިކަނބަލުން އެޅެދިހާރު އިސްލާމްވިކަން ކަޅިހާރަށް އެނގުމުން އެކަމާއި އޭނާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. އަދި ދަންވަރުގެ ވަގުތުގައި އެދެމަފިރީން ނިދިކުރައްވާފައި ތިއްބަވަނިކޮށް ގަތުލުކުރާން ވެސް އުޅުނުކަމުގައިވެއެވެ. އެހެންނަމަވެސް އެކަން އޭނާއަށް ނުކުރެވި އަދި އޭނާވެސް އިސްލާމުވުމުގެ ސަބަބެއްކަމުގައި މެދުވެރިކުރެއްވި ކަމަކީ އެރޭ ދަންވަރު ޚަންޖަރު ހިފައިގެން އެދެމަފިރި ކަނބަލުން ގަތުލު ކުރުމަށް ކަޅިހާރު ވަންއިރުގައި އޭނާ ދުވަހަކުވެސް ނުދެކޭ ފަދަ ބަޔަކު އެދެމަފިރީންގެ ގާތުގައި ފާރަޔަށް ތިބީތީއެވެ. މި މަންޒަރު ފެނިފައި ބިރުން ދުވެ ބޭރަށް ނިކުތުމަށްފަހު އަލުން އެނބުރި އެތަނަށް ވަންއިރުގައިވެސް އެބަޔަކު ތިބިތަން ފެނި އާޝޯޚުވެފައި ހުރެވުނީއެވެ. ޔޫސުފު ނާއިބަށް ހޭފުޅުލެއްވުނުއިރުގައި ވެސް ކަޅިހާރު ޚަންޖަރު ހިފައިގެން ގައުވެފައި ހުއްޓެވެ. ދެން ޔޫސުފު ނާއިބު ވަޑައިގެން ކަޅިހާރުގެ ޚަންޖަރު އަތުލައްވައި ދީނުގެ ކަންކަން އޮޅުންފިލުވައިދެއްވައި ސުވަރުގެޔާއި ނަރަކައިގެ ވާހަކަ ބަޔާންކުރައްވައި ހެއްދެވުމުން ޔޫސުފު ނާއިބުގެ އަތްޕުުޅު މައްޗަށް ކަޅިހާރުވެސް އިސްލާމްވީއެވެ. މީދޫ އިސްލާމްވީ މީލާދުން 1127 ވަނަ އަހަރުގައިކަމަށްވެސް ބުނެވެއެވެ. އަދި އެރަށު ކޯގަންނުގައި ޔޫސުފު ނާއިބު ބިނާކުރެއްވި މިސްކިތް އަދިވެސް ފެންނަން އެބަހުއްޓެވެ. މި މިސްކިތަކީ ދިވެހި ފަސްގަނޑުގައި ބިނާކުރެވުނު އެންމެ ފުރަތަމަ މިސްކިތް ކަމަށް ބުނެވެއެވެ.

އައްޑު އަތޮޅު މީދޫ އިސްލާމްވި ކަމުގައި ވިޔަސް ބުދުދީނުގެ މައި ރަށަކީ އެ އަތޮޅު ގަމެވެ. ގަމަކީ ބުދުދީނުގެ މައި ބުދުކޯލާއި އެންމެ އިސް ހާމުދުރުން ތިބޭ ރަށްކަމުގައި ވުމުން އައްޑު އަތޮޅުގެ އެހެނިހެން ރަށްރަށާއި އަދި އެހެނިހެން އަތޮޅުތަކަށްވެސް ނުފޫޒު ފޯރުވާ އެންމެ ބާރުގަދަ ރަށަކީ ގަމެވެ. އިސްލާމްދީން ފެތުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް ހަމަ ގަމެވެ. މީދޫގެ ރައްޔިތުން ބުދުދީނުން ބޭރުވެ އިސްލާމުދީނަށް ވަނުމުން ގަމުގެ ހާމުދުރުން ކިބައިން ތުރާތަކާއި އުނދަގޫތަށް ކުރިމަތިވާން ފެށިއެވެ. ގަމުގެ މީހުންނާއި އަދި އައްޑު އަތޮޅުގެ އެހެން ރަށްރަށުން މީހުންނާއިގެން ގަމުގައި ތިބޭ އިސް ހާމުދުރުން މީދޫ އާއި ހަނގުރާމަޔަށް އެތައް ފަހަރެއްގެ މަތީން އައިސް ހަނގުރާމަ ކުރެވިފައިވާ ކަމަށްވެއެވެ. އަދި މި ހަނގުރާމަތަކުގައި މީދޫގެ އެތައް ބަޔަކު ޝަހީދުވެސް ވެފައިވާކަމަށްވެސް ވެއެވެ.

ޔޫސުފު ނާއިބު އިސްވެ ހުންނަވައި އައްޑު އަތޮޅު މަރަދޫއާއި ހިތަދޫއާއި ފޭދޫ އިސްލާމްކުރެއްވުމަށްފަހު ގަމުގައި ތިބޭ ހާމުދުރުންނާއި ދެކޮޅަށް މީދޫއިން ލަޝްކަރެއް ނެރުއްވައި އެރަށާއި ޔޫސުފު ނާއިބު ހަނގުރާމަކުރައްވައި މާތް ރަސްކަލާނގެ ތަނަވަސް ރަހުމަތާއިއެކު ވަރަށް ފުރިހަމަ ކާމިޔާބީއަކާއި ނަސްރެއް ހޯއްދެވިއެވެ. އައްޑު އަތޮޅުގެ ރަށްރަށް އިސްލާމުވުމަށްފަހުގައިވެސް އައްޑުވާއި ކައިރީގައި އޮންނަ ފުވައްމުލަކުގައި ތިބި ހާމުދުރުންގެ އުނދަގޫތަކާއި ތުރައުތަށް ދިޔައީ މީދޫއަށް ކުރިމަތިވަމުންނެވެ. މިހެންކަމާއި އެކު ޔޫސުފު ނާއިބު ދެން ދިމާކުރެއްވީ ފުވައްމުލަކާއި ހަނގުރާމަ ކުރެއްވުމަށެވެ. ފުވައްމުލަކުގައި ތިބި ބުދުދީނުގެ ހާމުދުރުންގެ ކިބައިން އައްޑު އަތޮޅަށް ކުރިމަތިވަމުން އައި އުނދަގޫތަކާއި ހުރެ އެރަށާއި ޔޫސުފު ނާއިބު ދިމާކުރެއްވިއެވެ. ލަޝްކަރަކައިގެން ވަޑައިގެން ފުވައްމުލަކަށް އެރުއްވީ އެރަށު ހޯދަޑު އަވަށުންނެވެ. އަދި އެރަށުން އެންމެ ފުރަތަމަ އިސްލާމްވީވެސް ހޯދަޑު އަވަށުގެ ރައްޔިތުންކަމުގައި ބުނެވެއެވެ. މި ހަނގުރާމައެއް ހިނގީ މީލާދުން 1145 ވަނަ އަހަރުގައިކަމަށްވެސް ބުނެވެއެވެ.

މަރަދޫގައި ކިޔައި އުޅޭ މަޝްހޫރު ނޫން ވާހަކަ ބުނާ ގޮތުން އިންޑިޔާ ކަނޑުގައި ދަތުރުކުރި އަރަބި ނަވެއް ވައިނުބައިވެގެން ބެހިގެން އައިސް މަރަދޫ ފުއްޓަރު ފަރާތު ފަރުމަތީގައި ހުރި ހުރާގަނޑުތަކުގެ ތެރެއިން ހުރައަކަށް އުރުނެވެ. އެ ނަވުން ވަޑައިގެންނެވި ބޭކަލުންގެ ތެރެއިން އިސްލާމްދީނުގެ ބޮޑު ދަންނަބޭކަލަކު ހުންނެވިއެވެ. އޭނާގެ ނަމަކީ ޤާދިރެވެ. ފަހުން ޤާދިރު ކަލޭގެފާނެވެ. އޭނާ ދަތުރުކުރެއްވި ނާ އުރުނު ހުރާގަނޑަށް ނަން ދެވުނީވެސް އަރަބި ބަހުން ހަޖަރުގެ ނަމުންނެވެ. މަރަދޫ މީހުން ކިޔައި އުޅުނީ ނައުއުރުނު ހަޖަރެވެ. މި ޤާދިރު ކަލޭގެފާނު މަރަދޫގައި ހުންނަވައި މަރަދޫ މީހުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވައި މަރަދޫ އިސްލާމްކުރެއްވިއެވެ. އަދި އެކަލޭގެފާނު ދިިރިއުޅުއްވި ގެ ކައިރީގައި ހިރިގަލުން ކުޑަ މިސްކިތެއްވެސް ބިނާކުރެއްވިއެވެ. މި ހިރިގާ މިސްކިތް 1970 ގެ އަހަރުތަކާ ހަމަޔަށް މަރަދޫގައި ހުއްޓެވެ. ފަހުން އުވާލުމަށްފަހު ތަޅައިލީއެވެ. މަރަދޫ އިސްލާމްކުރެއްވުމަށްފަހު ބުދުދީނުގެ މީހުންނާ ހަނގުރާމައެއްވެސް ކުރެއްވި ކަމަށްވެސް ކިޔައެވެ. ހަނގުރާމަ ކުރެވުނީ މަރަދޫގެ ފުއްޓަރުގައި އޮތް އަރަބި ބަހުން ނަންދެވިފައިވާ ސަވާހިލީގައި ހުންނަވައިގެން ކަމަށްވެއެވެ. ސަވާހިއްޔަކީ އިހުގައި މީހުން އުޅުނު ރަށެއް ނޫނެވެ. އެހެންނަމަވެސް 1970 ގެ އަހަރުތަކުގައިވެސް އެރަށުން އެގޮތް މިގޮތަށް ހުރި މިނިކަށި ފެނިފައިވެއެވެ. ހަމަ އެހެންމެ ސަވާހިއްޔާ ދިމާއިން މަރަދޫ ފުއްޓަރު އަތިރިންވެސް އެފަދަ ކަށިތައް ފެނުނު ކަމަށް ކިޔައެވެ. އައްޑު އަތޮޅު އިސްލާމްވުމަށްފަހު ޤާދިރު ކަލޭގެފާނުގެ އަރިިހަށް ގަމުން ކަނބޯއެއްގެ 7 ދަރީން ކިޔަވަން އައިކަމަށާއި އެމީހުން ނިޔާވެ ވަޅުލެވިފައިވަނީވެސް ޤާދިރު ކަލޭގެފާނުގެ އަނބިކަމަނާ އައިހައިރަނި ވަޅުލެވިފައިވާ މަރަދޫ ދަނޑިވަރަ މިސްކިތޭ ކިޔުނު މިސްކިތުގެ ކަށްބިމުގައެވެ.

ޤާދިރު ކަލޭގެފާނުގެ ޒިޔާރަތް ހުރީ އޭނާ ބިނާކުރެއްވި ހިރިގައު މިސްކިތުގެ ގަބުރުސްތާނުގެ ތެރޭގައެވެ. ވަރަށް ރީތިކޮށް ހުރި ބިސްތާނައެއްގައެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަމަނާގެ މަހާނަގަލަކީ ވަރަށް ރީތިކޮށް ފޫވައްޓައި ކަނޑައި ނަގާފައިވާ ދެ މަހާނަ ގަލެެވެ. އަދި އަދަށް ދާންދެންވެސް މަރަދޫގައި ފެންނަން އެބަހުއްޓެވެ. އަދި ހަމަ އެހެންމެ ޤާދިރުކަލޭގެފާނަށް ނިސްބަތްކުރެވޭ ވަޅެއްވެސް މަރަދޫ މުދިންބިޔާގޭ ޖަމާލުގެ ފެންފިޔާޒުގޭ ގޯތިތެރޭގައި އެބަހުއްޓެވެ. މަރަދޫ ޤާދިރު ކަލޭގެފާނުގެ ވާހަކަ މާތަފްސީލުކޮށް އެނގޭކަށް ނެތެވެ. ދޫދޫމަތިން ކިޔަމުން އަންނަނީ ވަރަށް ކުރުކޮށެވެ. އަދި ސީދާ ކޮން ތާރީޚެއްގެ ހާދިސާއެއްކަންވެސް ނޭނގެއެވެ. އެކަމަކު އެކަމަށް ހެކިދޭ އަސަރުތައް ފެންނަން އެބަހުއްޓެވެ. މިދެންނެވި ވާހަކަތައް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ލިޔެކިޔުންތަކުގައިވެސް ނޯޓުކުރެވިފައި އެބަހުއްޓެވެ.

ދެން މި ހިއްސާކޮށްލަނީ ފުވައްމުލައް އިސްލާމްވީ ގޮތުގެ ވާހަކައެވެ. އިސްވެ ބަޔާންކުރެވުނު މީދޫގެ ފޯކުލޯރާ ހިސާބަކަށް ތަފާތު އެބަހުއްޓެވެ. އައްޑުއަތޮޅު އިސްލާމްވީ ފުވައްމުލަކަށްވުރެ ކުރީގައެވެ. ފުވައްމުލަކަށް ދީނަށް ގޮވައިލެއްވުމަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑުއަތޮޅު މީދޫ ޔަޙްޔާނާއިބު ކަލޭގެފާނުގެ ޔޫސުފްނާއިބު ކަލޭގެފާނުގެ ޢަބްދުނާއިބް ކަލޭގެފާނެވެ. (މިއީ މިވާހަކަ ލިޔުއްވި ލިޔުންތެރިޔާއަށް އޮޅިގެން ލިޔެވުނު ގޮތެކޭ ހީވެޔެވެ. ސަބަބަކީ ޔަހުޔާ ނާއިބުކަލޭގެފަނަކީ ޔޫސުފު ނާއިބުކަލޭގެފާނުންގެ ދަރިކަލުންނެވެ. އެކަމަށް މީދޫގެ ދަރިކޮޅު ފޮތްތަކުން ހެކިލިބޭތީއެވެ.) އޭނާގެ ގޮވައިލެއްވުމަށް އިޖާބަދިނީ ވަރަށް މަދު ބަޔެކެވެ. ގިނަމީހުން އެކަލޭގެފާނާ ދެކޮޅުހަދައި އެންމެފަހުން އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. ބުނެވެނީ ދިގުވާޑު ވޭރެގަމިގޭ މަގުން އެކަލޭގެފާނު ދުރުވަނިކޮށް އެމަގު ކައިރީގައި ހުރި ރާރުކެއްގައި މަޑަޔެއް ހިފައިގެން އެކަލޭގެފާނުގެ އިންތިޒާރުގައި އޮތްމީހަކު މަޑައިން ޖަހައި އެކަލޭގެފާނު ޝަހީދުކުރީކަމުގައެވެ. އެކަލޭގެފާނު ވަޅުލެވިފައިވަނީ ދިގުވާނޑު މިސްކިތު އިރުމަތީގައިހުރި ބިސްތާނުގައިވާ ޒިޔާރަތުގައެވެ. ދިގުވާޑު މިސްކިތް ބޮޑުކޮށް އަލުން ޢިމާރާތްކުރިއިރު ޢަބްދުއްނާއިބު ކަލޭގެފާނުގެ ޤަބުރު މިތަނުން ނަގައި 4 ސެޕްޓެމްބަރ 1997 މ. ގައިވަނީ އަރުއްފަންނު ޤަބުރުސްތާނުގައި ވަޅުލެވިފައެވެ.

ފުވައްމުލަކަށް ދީނަށް ގޮވައިލެއްވުމަށް ދެވަނަޔަށް ދުރުވީ އޫސުފް ނާއިބު ކަލޭގެފާނުގެ (މީގައިވެސް މި ދެކެވެނީ ޔަހުޔާ ނާއިބުކަލޭގެފާނުގެ ވާހަކަ ކަމަށް ބެލެވެއެވެ.) އަނެއްދަރިކަލުން އަބޫބަކުރު ނާއިބުކަލޭގެފާނެވެ. މިކަލޭގެފާނު ދުރުވެ ހުންނެވީ މިރަށު ހޯދަޑުގައެވެ. މިކަލޭގެފާނުގެ ގޮވައިލެއްވުމަށް އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށުމީހުންނެވެ. އޭގެފަހުގައި މުޅިރަށުގެ އަހުލުވެރިން އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށު މީހުން ކަމަށްވާތީ އެކަމުގެ ޝަރަފާއި ޤަދަރު ޒަމާނުއްސުރެ އެއަވަށަށް ވަނީ ދެވިފައެވެ. ފުވައްމުލަކު ގެން މިސްކިތަކީ އަބޫބަކުރު ނާއިބު ކަލޭގެފާނު އިމާރާތް ކުރެއްވި މިސްކިތެވެ. އެއީ އެރަށުގައި އެންމެ ފުރަތަމަ އިމާރާތް ކުރެވުނު މިސްކިތް ކަމަށް އިބްރާހީމް ސައީދު މޫސާ ލިޔުއްވާފައިވެއެވެ. އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނުލެވުނީ ގެން މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ. މިހާރުވެސް އެ ޒިޔާރަތް އެގޮތުގައި ފެންނަން އެބަހުއްޓެވެ.

ކޮންމެއަކަސް އެނގޭ ހަގީގަތަކީ މަރަދޫ އާއި މީދޫއާއި އަދި ފުވައްމުލަކުގައި ކިޔާ ވާހަކަތަކުގައި ގުޅުންތަކެއް ހުރިކަމެވެ. މީދޫގެ ވާހަކައާއި ފުވައްމުލަކުގެ ވާހަކައިގައި ގުޅުން ބޮޑެވެ. މިހެން ދެންނެވިއެއްކަމަކު މަރަދޫގެ ވާހަކައާއި މީދޫގެ ވާހަކައިގެ ގުޅުންތައްވެސް ވަކި ކުޑައީކީ ނޫނެވެ. އޭގައިވެސް ދެކެވިފައި ހުރީ ގުޅުން ބޮޑު ވާހަކަތަކެކެވެ. އުރުނު ނަވަކާއި ލެއްގި މީހެއްގެ ވާހަކައެވެ. އިސްލާމްކުރި ވާހަކައެވެ. ބުދުދީނުގެ މީހުންނާ ހަނގުރާމަކުރެވުނު ވާހަކައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދެވާހަކައަކީ ވެސް އިތުރަށް ތަހުގީގުކޮށް ދިރާސާކުރަންޖެހޭ ދެ ވާހަކައެވެ. ތާރީޚަކީ ފެންނަން ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް ކިޔާ އެއްޗެކެވެ. ދެ ވާހަކައަށްވެސް ހެކި އެބަހުއްޓެވެ. ދޫދޫމަތިން ކިޔަމުން އަންނަ ވާހަކަ އެބައޮތެވެ. އެހެން ނަމަވެސް އެއްގޮތް ކަމެއް ހުރި ދެ ވާހަކައެއް ކިޔެނީ ދެ ރަށަކަށް ދެ ބޭކަލަކަށް ނިސްބަތްކޮށްފައެވެ. ހާދިސާ ހިނގާފައިވަނީ ބުދުދީނުން އިސްލާމްދީނަށް އެނބުރުމުގެ ވާހަކައިގެ ތެރެއިންނެވެ. އެހެންވީމާ ދެވާހަކައިގައިވެސް މި ދެކެވެނީ ދާދި އެއް ދުވަސްވަރެއްގެ ވާހަކަކަން އެބަ ދޭހަވެއެވެ. އެއް ދުވަސްވަރެކޭ ދެންނެވިޔަސް އެ ދުވަސްވަރާ ދިވެހިރާއްޖޭގެ ރަސްކަން އިސްލާމްވީ ދުވަސްވަރާއި އިސްފަސްވެދާނެއެވެ. ނަތީޖާ އެނގޭނީ އެކި ގޮތްގޮތަށް ތަހުގީގުކޮށް ބެލީމައެވެ. އެހެންކަމުން މި ދެ ހާދިސާ އިތުރަށް ގުޅޭނެ ގޮތް ބަލައި ހޯދަން އެބަޖެހެއެވެ. ބައެއް ބޭފުޅުން އުފައްދަވާ ޝައްކުތައް ފިލާނެ ގޮތް ބަލަން އެބަޖެހެއެވެ. އަދި ހަމަ އެހެންމެ އުފެދޭ ސުވާލުތަކަށް ތާރީޚީ ހެއްކާއި ގަރީނާތަކުގެ ތެރެއިން ޖަވާބުތައް ހޯދައި ދައްކަންވީއެވެ.

މިއަދުގެ މި މަޒުމޫނު އަޅުގަނޑު ލިޔާން ގަސްތުކުރީ ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުމުގެ މައްޗަށެވެ. ލިޔަން ހުރި ވާހަކަތަކުގެ ގިނަކަމުން ދެ ބަޔަކަށް ލިޔަން ނިންމީއެވެ. އެގޮތުން ފުރަތަމަ މި ލިޔުނީ އިސްލާމްވި ހާދިސާޔާ ގުޅޭ ވާހަކަތަކުން އެންމެ ފުރަތަމަ އިސްލާމްވީ ކަމަށް ދިވެހިރާއްޖޭގައި ދެކެވޭ ވާހަކަތަކުގެ މައްޗަށެވެ. އިރާދަކުރެއްވިއްޔާ މީގެ ދެވަނަ ބައިގައި ބާކީ ހުރި ވާހަކަތަކުގެ މައްޗަށް އަލި އަޅުވާލައި، އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ހުރި މިންވަރަކުން ލިޔެވޭތޯ ބަލާނަމެވެ.