ރިޕޯޓް

އާއަހަރު ފާހަގަ ކުރުމަށް "ރާޅުގުޑި އިރުއުތުރު އައްޔޫގު 2019"

މުހައްމަދު އައުޒަމް

ރާޅުގުޑީގެ ފަރާތުން އާއަހަރު ފާހަގަ ކުރުމަށް "ރާޅުގުޑި އިރުއުތުރު އައްޔޫގު 2019"ގެ ނަމުގައި ކައިޓް ބޯޑިންގ އިވެންޓެއް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ކައިޓް ސާފަރުން ގުޅިގެން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފައިވާ މި ހަރަކާތް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ހަވީރު ހުޅުމާލެ ދިރާގު ފުރަގަހު ވޯޓާ ސްޕޯޓްސް ބީޗުގައެވެ.

މި އިވެންޓް އިންތިޒާމްކުރާ ރާޅުގުޑީގެ ފަރާތުން ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފައިސަލް (ކޭވީ) ވިދާޅުވީ މި އިވެންޓަކީ އާއަހަރު ފާހަގަ ކުރުމަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ކައިޓް ބޯޑިންގ އިވެންޓެއް ކަމަށެވެ.

"މިއިވެންޓުގެ އަމާޒަކީ ދިވެހިންގެ ތެރެއިން ކައިޓް ބޯޑިންގއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ހޯދައިދީ މިކުޅިވަރު އާންމުންގެ ތެރޭގައި މަގުބޫލުކޮށް އުފާވެރި މާހައުލެއްގައި އާއަހަރު ފާހަގަ ކުރުމުގެ ފުރުސަތު ހޯދައިދިނުން. އަދި މިއިވެންޓުގައި ކައިޓް ބޯޑްކުރާ ކޮންމެ ބޭފުޅަކަށްވެސް ކައިޓް ބޯޑިންގ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ." ފައިސަލް (ކޭވީ) ވިދާޅުވިއެވެ.

މިދިޔަ ހުކުރުދުވަހު ރާޅުގުޑިން ވަނީ ދިވެހި ދިދަ ރަމްޒުކޮށްދޭ ފުރަތަމަ ރާޅުގުޑި ތައާރަފްކޮށްފައެވެ. މިރާޅުގުޑި ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފްއެވެ.

2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކައިޓް ބޯޑިންގގެ ހުނަރު ދިިވެހިންގެ ތެރޭގައި އާލާކޮށް އެހުނަރު ހުރި ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އުފެދުނު ރާޅުގުޑިން ވަނީ ތަފާތު ހަރަކާތްތަކެއް ބާއްވައިފައެވެ. އެގޮތުން 2016 ވަނަ އަހަރު 30 ޒުވާނަކަށް ކައިޓް ބޯޑިންގ ދަސްކޮށްދީފައި ވެއެވެ. އަދި މިއަހަރު ބޭއްވި އިވެންޓުގައި ކައިޓް ބޯޑުކޮށް 75 ފަރާތަކުން ވަނީ ވިލިނގިލިން މާފުއްޓަށް ދަތުރުކޮށްފައެވެ.

ވަން އޮންލައިން އަކީ "ރާޅުގުޑި އިރުއުތުރު އައްޔޫގު 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.