ޕީޕީއެމް

އާ ޕާޓީ އުފެއްދުމުގެ މަސައްކަތްކުރާތީ ޕީޕީއެމްގެ ހަރަކާތްތައް މަޑުޖައްސާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާތީ ޕީޕީއެމްގެ ހަރަކާތްތައް މަޑުޖައްސާލާފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް ޕާޓީއެއް ރަޖިސްޓްރީކޮށް މެންބަރަޝިޕް އިތުރުކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިންގަމުންދާތީ އެހެނިހެން ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލާފައިވާކަމަށެވެ.

އަދި ޕާޓީގެ ހަރަކާތްތައް ފަށާނެ ދުވަހެއް ފަހުން އިއުލާނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށްޓަކައި އީސީއަށް ފޯމު ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި މިހާރުވަނީ ހަމަވެފައެވެ.