ދިވެހި ދިދަ ރަމްޒުކޮށްދޭ ފުރަތަމަ ރާޅުގުޑި ތައާރަފުކޮށްފިއެވެ.
ހުޅުމާލޭ ވޯޓާ ސްޕޯޓްސް ބީޗުގައި ދިވެހި ދިދަ ރަމްޒުކޮށްދޭ ފުރަތަމަ ރާޅުގުޑި ތައާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ޑރ. ހުސެއިން ރަޝީދުގެ އިތުރުން ދެމިނިސްޓްރީގެ އިސްބޭފުޅުންނާއި ކައިޓް ސާފަރުން ބައިވެރިވިއެވެ.
ދިވެހި ދިދަ ރަމްޒުކޮށްދޭ ފުރަތަމަ ރާޅުގުޑި ތައާރަފު ކުރުމަށްފަހު ދެ މިނިސްޓަރުން ވަނީ ކައިޓް ސާފަރުންނާއި ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައި އެފަރާތްތަކަށް ދިމާވާ މައްސަލަތަކާއި އެމައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ޔޫތް މިނިސްޓަރު މަހުލޫފު ވަނީ ކައިޓް ސާފަރުންނާއި ވޯޓާ ސްޕޯޓްސް ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވެސް ވަނީ ހުޅުމާލޭ ވޯޓާ ސްޕޯޓްސް ހިންގާ ފަރާތްތައް އެދުނުގޮތަށް އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ފިޔަވަޅު އެޅުމުގައި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ.
ދިވެހި ދިދަ ރަމްޒުކޮށްދޭ ފުރަތަމަ ރާޅުގުޑި ތައާރަފު ކުރުމަށްފަހު ޔޫތް މިނިސްޓަރު މަހުލޫފު ވަނީ ކައިޓް ސާފް ކުރައްވައިފަވެ.