އެލައިޑް އިންޝުއަރެންސް

އެލައިޑުން ބަދަލުގެ ގޮތުގައި 145 މިލިއަން ރުފިޔާ ދޫކޮށްފި

އެލައިޑް އިންޝުއަރެންސުގެ ކްލައިންޓުންނަށް ބަދަލުގެ ގޮތުގައި މިދިޔަ އަހަރު 145 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެލައިޑް އިންޝުއަރެންސުން މިދިޔަ އަހަރު 125,000 އިންޝުއަރެންސް ޕޮލިސީ ވަނީ ދޫކޮށްފަ އެވެ. އަދި ހެލްތު ބެނެފިޝަރީގެ ގޮތުގައި 142,000 އިންޝުއަރެންސް ދޫކޮށްފައި ވެއެވެ.

އެލައިޑަށް މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނީ 210 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 35 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެ އަހަރު އެލައިޑަށް އާމްދަނީގެ ގޮތުގައި 245 މިލިއަން ރުފިޔާ ލިބުނެވެ.

އެލައިޑުން ބުނީ، ވާދަވެރިކަން އިތުރުވުމާއި އެހެނިހެން މާކެޓް ފެކްޓާސްތަކާއެކު މިދިޔަ އަހަރަކީ އެ ކުންފުންޏަށް ގޮންޖެހުން ބޮޑު އަހަރެއް ކަމަށެވެ.

ނަމަވެސް ކަސްޓަމަރުންނަށް ހާއްސަ އިސްކަމެއް ދީގެން ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރި މަސައްކަތުން މިދިޔަ އަހަރު މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާ ގުޅިގެން ސަފާރީތަކަށް ހާއްސަކޮށް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ.