ކުޑަކުދީންނަށް ފީއަކާއި ނުލައި ރަސްރަނި ބަގީޗާ ބޭނުން ކުރެވެން ޖެހޭ ކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު، ޑރ.ފަރަހްނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ.ފަރަހްނާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެކި ގައުމުތަކުން ގެންގުޅޭނީ އެކި އުސޫލުތައް ކަމާއި، އެހެން ގައުމުތަކުން އަމަލުކުރާ އުސޫލުތައް ދިވެހިން ގެންގުޅެން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރަސްރަނި ބަގީޗާ އަކީ ކުޑަކުދިންނަށް ހާއްސަ ޕާކަކަށް ވާއިރު ކުޑަކުދިން ގޮވައިގެން އުޅޭ ބިދޭސީންނަށް އެއްވެސް ފީއަކާ ނުލައި ރަސްރަނި ބަގީޗާ ބޭނުން ކުރެވެން ޖެހޭނެ ކަމަށް ޑރ.ފަރަހްނާޒްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ސަލްޓަން ޕާކު ތަރައްގީ ކުރުމަށްފަހު އަލުން ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވާފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އެ ޕާކު ދެވަނަ ފަހަރަށް ހުޅުވީ އެ ޕާކަށް އަންނަ ބިދޭސީންގެ އަތުން ވަކި އަދަދެއްގެ ފީއެއް ނަގާ ގޮތަށެވެ.