ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަސާސީ ގަވާއިދުގެ ދަށުން އިންތިގާލީ ރައީސަކު ކަނޑައެޅުމުގެ ހައްގު އެމްޓީޑީއަށް ލިބިގެންވާ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޓީޑީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރަޖިސްޓްރީކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އަދި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އިންތިގާލީ ރައީސަކު އިންތިޚާބު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
އެޕާޓީން ކުރި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ އެޕާޓީން ދެކޭ ގޮތުގައި އެމަރުހަލާގައި އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން ސިޔާސީ ނުވުމަށް އެމްޓީޑީގެ ޓުވީޓުގައި ގޮވާލާފައި ވެއެވެ.
އެމްޓީޑީން މިފަދަ ޓުވީޓެއް ކޮށްފައި މިވަނީ އެޕާޓީގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައްޔަންކުރުމާއި ގުޅިގެން ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީއެއްގެ ރައީސަކަށް ނުވެވޭނެ ކަމަށް އީސީން ބުނެފައިވަނިކޮށެވެ.
އަދީބު އެމަގާމަށް ހަމަޖައްސާފައިވަނީ 27 ޑިސެމްބަރުގައި ބޭއްވި އެމްޓީޑީގެ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައެވެ.
އެމްޓީޑީގެ ރައީސްކަމަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު އައްޔަންކުރެއްވި އިރު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށް ޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.