މި ދުވަސްކޮޅަކީ ބޮލީވުޑްގައި ހަގީގީ ހާދިސާ އާއި މަގުބޫލު ލެޖެންޑުންނާއި ހާއްސަ މީހުންގެ ދިރިއުޅުމުގެ މައްޗަށް ގިނަ ފިލްމުތަކެއް ހަދަމުން އަންނަ ދުވަސްވަރެކެވެ.
އެގޮތުން އަދި ރަސްމީކޮށް އިއުލާން ނުކުރި ކަމުގައިވިއަސް ހަބަރުތައް ފެތުރިފައިވާ ގޮތުގައި އަންނަ އަހަރު ޖެނުއަރީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ހަދަން ފަށާނެއެވެ. އެ ފިލްމުގައި މޯދީގެ ބައި ކުޅެނީ ބަތަލު ވިވެކް އާނަންދް އޮބެރޯއީ އެވެ.
ފިލްމުގެ ޝޫޓިން ހަމަޖެހިފައިވަނީ ގުޖުރާތް އާއި ދެއްލީ އާއި ހިމާޗީ ޕްރަދޭޝް އަދި އުއްޓަރަކާންދުގައެވެ.
ފިލްމުގެ ނަން އަދި ފައިނަލްވެފައި ނުވާއިރު ފިލްމު ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިފައިވަނީ އޯމަންގު ކުމާރު ކަމަށް ހަބަރުތައް ބުނެއެވެ. އޯމަންގު ވަނީ 2017 ވަނަ އަހަރު މޭރީ ކޯމްގެ ބައޯޕިކްވެސް ޑައިރެކްޓް ކޮށްފައެވެ. މީގެ އިތުރުން ސަންޖޭދަތްގެ ފިލްމް ބޫމީވެސް ޑައިރެކްޓް ކުރީ އޯމަންގުއެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓް އަދި ސްކްރީންޕްލޭގެ މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ ދޮޅުއަހަރު ވެފައެވެ.
ވިވެކް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ކްރިޝް 3"، "އޯމްކާރާ"، "ކޮމްޕެނީ" އަދި "ސާތިޔާ" ހިމެނެއެވެ.