އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނަމަ ފޮރުވައިގެން ކަންތައްތައް ނިންމަކީ ކީއްވެގެންތޯ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ސުވާލު ކުރައްވައިފައެވެ.
ޑރ. ޖަމީލު މިމޭރުމުން ސުވާލު ކުރެއްވީ އިންޑިއާއިން ރާއްޖެއަށް 750 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ބުރާސް ފަތި ދުވަހު ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ގިނަ ސުވާލުތަކަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލހު އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި އެ ސުވާލާއެކު ފުރަތަމަ ވިދާޅުވީ ދިވެހިންނަކީ ކޮންމެ ބައެއްގެވެސް އިހުސާންތެރިކަމަށް ޝުކުރުވެރިވާ ބައެއް ކަމަށާއި އެހެން ނަމަވެސް ކުރާ އެއްވެސް ކަމަކުން ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތިވެގެން ނުވާނެ ކަމަށެވެ.
ދަރަނިވެރި ވެ އެސެޓް ވިއްކައިގެން ވިޔަސް ކޮންމެހެން ބުރިޖް އެޅުން ވާޖިބުވީ ކީއްވެތޯ އާއި ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯނު ނެގުންނޫން ވިސްނުމެއް ނެތީތޯ އާއި އައްޑޫ ގަން އިނގިރޭސީންނަށް ދިން ގޮތަށް ރާއްޖޭގެ ރަށްތައް ބޭރުގެ ބާރުތަކަށް ދޭން ފަށާނީތޯ ވެސް ޑރ. ޖަމީލު ސުވާލު ކުރައްވައިފައި ވެއެވެ.
މީގެ އިތުރުން "ތިޔަ ނަގާ ލޯނުތައް ދެއްކޭނެ މިންވަރުގެ ރެވެނިއުއެއް ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެތޯ، ލޯނު ނުދެއްކިއްޖެ ނަމަ މިފަހަރު ވިއްކަން ހުށަހަޅާފައިވަނީ ކޮން ރަށްތަކެއް، ހަރު މުދަލެއްތޯ،" ވެސް ޖަމީލު ސުވާލު ކުރައްވައިފައި ވެއެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ.
އެގޮތުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރު އަދި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ދީފައިވާކަން ފާހަގަކުރައްވައި ރައީސް އެ ދުވަހުގެ ޓްވީޓުގައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ އެންމެނަށް ވެސް ދީލަތިކަމާއި ބަހައްޓާ ގާތް އެކުވެރިކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.