"ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައި ވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރިން "ގްރޭޓް ގްރީން ކަނެކްޝަން"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފަރާތުން އެނަން މުރާޖައާ ކުރުމަށްފަހު ފަހު "ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި އެ ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމުން އެ ޕާޓީ އުފެއްދުމަށް ކުރާން ޖެހޭ ކަންކަން ކުރިޔަށް ގެންދިއުމުގެ ހުއްދަ އިލެކްޝަނުން ދީފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
މާރިޔާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާބަން ޑިކްޝަނަރީގައި "ރެޑިކަލް" އަކީ ހައްދުފަހަނައަޅައިދިއުމުގެ ވިސްނުން ކަމަށާއި އެންމެ ރަނގަޅީ މެދު މިންވަރު ކަމަށެވެ.
ރެޑިކަލް ޕާޓީގެ ވިސްނުމަކީ ކޮބައިތޯ މާރިޔާގެ ޓުވީޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތިން މަހަށް ވެފައިވާ އިރު، ރާއްޖޭގައި ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތަކެއް އުފައްދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސިޔާސީ ޕާޓީއެއް އުފެއްދެނީ މަދުވެގެން 3000 މެންބަރުން ހަމަކޮށްގެންނެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް އެހީއެއް ލިބޭނީ މަދުވެގެން 10000 މެންބަރުން ހަމަވާނަމަ އެވެ.