ހެޔޮ އަމަލަކުން މެނުވީ އާހިރަތުގައި ފައިދާއެއް ނުކުރާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އުމުރުގެ ބާކީއޮތް ދުވަސްތަކަކީ ފައިދާ ކުރަނިވި ސޯލިހު އަމަލުތައް ކުރުމުގައި ދެމިތިބޭ ދުވަސްތަކެއް ކަމުގައި ހެދުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
"ހެޔޮ އަމަލަކުން މެނުވީ އާހިރަތުގައި އަޅުގަނޑުމެންނަށް ފައިދާއެއް ނުކުރާނެއެވެ. މަޚުޖޫމު ވަންހައިގެ އަޅެއްގެ ގޮތުގައި ހުންނެވި އައްމާރު ބުނު ޔާސިރު ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި ވެގެންދިޔައީ އެކަލޭގެފާނުންގެ ވަރުގަދަ އީމާންކަމުގެ ސަބަބުންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އިސްވެދިޔަ އުއްމަތްތަކުން އިބުރަތް ހާސިލުކުރުމަށް މާތްﷲ މި އުއްމަތުގެ މީހުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި ކުރީގެ އުއްމަތްތައް ހަލާކުވާން މެދުވެރިވި ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ސަބަބަކީ ﷲ ދެއްވި ނިއުމަތްތަކަށް އެމީހުން ޝުކުރުވެރި ނުވުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އިސްވެދިޔަ ބައެއް އުއްމަތްތަކުގައި އޮތް އަމަންއަމާންކަމާއި ހަމަޖެހުމުގެ ސަބަބުން، އެގައުމުތަކަށް ﷲގެ ރިޒުގު ތަނަވަސްވެ، ބަނޑުހައި ހޫނުކަން އިހުސާސްކުރަން ނުޖެހި، ތަރައްގީވެ ކުރިއަރައިގެން ގޮސްފައިވަނީ ކިތައް ގައުމު ހެއްޔެވެ؟ ނަމަވެސް އެގައުމުތަކުގެ މީސްތަކުންގެ އީމާންކަން ބަލިކަށިވެ އެބައިމީހުންގެ ހިތްތަކުގައި ﷲ ތައާލާއަށް އޮތް ބިރުވެތިކަން ފިލައިގޮސް އެއިލާހަށް އުރެދުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންގެ ހާލަތު އެއިލާހު ބަދަލު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ނިއުމަތްތަކުން އެބައިމީހުން މަހުރޫމުވިއެވެ. އަދި ބަލިމަޑުކަމާއި މުސީބާތްތައް އެމީހުންނަށް ކުރިމަތިވެ އެމީހުން ހަލާކުވެގެންދިޔައެވެ. އޭގެ ތެރެއިން އެއް ބަޔަކީ ސަބައުގެ އަހުލުވެރިންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށްފި މީހަކީ މާތްﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެއް ކަމަށާއި ނަމަވެސް ﷲ ހަރާމްކުރައްވާފައިވާ ކަންތައްތައް ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި އަޒާބަށް ހުށެހެޅިގެންދާ މީހެއް ކަމަށެވެ.
"އަދި އަޅުގަނޑުމެން މި ދުނިޔޭގައި ކުޅަ އަމަލުތައް އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފުރިހަމަ މުސްލިމަކަށް މީހާ ވާނީ އާހިރަތް ދުވަހަށް އީމާންވުމަކުން ނުފުދޭނެއެވެ. އާހިރަތް ދުވަހު ހުރިހާ މަޚުލޫގާތުތައް މަހުޝަރު ކުރެވޭނެކަމާއި ހިސާބު ބެއްލެވޭނެކަން ވެސް ގަބޫލުކުރަން ޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.