އިބްރާހިމް ޒަކީ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން، (އެންއައިސީ) އަށް ތިން މެންބަރުން އައްޔަން ކުރުމަށްޓަކައި އެކަމަށް ކުރިމަތިލެއްވި 17 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އާ މެންބަރުން އައްޔަން ކުރަން ނިންމެވީ އެ ކޮމިޝަންގައި ތިއްްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އެބޭފުޅުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތައްޔާރުވެފައި ވަނިކޮށް ދެ މެންބަރަކު އިސްތިއުފާ ދެއްވުމާއި މަޖިލީހުން އެރުވި ލަފައާ އެއްގޮތަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނު ވަކި ކުރެއްވުމާ ގުޅިގެންނެވެ.
މިބޭފުޅުންގެ ތެރެއިން އެންއައިސީއަށް އައްޔަންކުރާނެ މެންބަރުން މަޖިލީހުން ކަނޑައަޅާނީ މި ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމުންނެވެ.