މަޖިލީހުގެ ރައީސް

ޔޫރަޕުގެ އެތައް ގައުމެއްގެ ސޭފް ޓްރެވަލް ލިސްޓްތަކުގައި ރާއްޖެ ނުހިމެނުމަކީ ކަންބޮޑުވުމެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ކޮވިޑް 19 ގެ ހާލަތާ ގުޅިގެން، ރާއްޖެ އަދިވެސް ޔޫރަޕްގެ އެތައް ގައުމެއްގެ ސޭފް ޓްރެވަލް ލިސްޓުތަކުގައި، ހިމެނިފައި ނުވާ ކަމަށާއި އެއީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިއްހީ ބައެއް ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވިއެވެ.

މެންބަރުންގެ ސުވާލުގެ ވަގުތު ނިމުމުން މަޖިލިސް ޖަލްސާ މެދުކަނޑުއްވައިލެއްވުމުގެ ގޮތުން ދެއްކެވި ވާހަފުޅުގައި ހެލްތު މިނިސްޓަރަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ އެންމެންގެ ބޭނުމަކީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުން ކަމަށާއި އާއްމު ސިއްހަތު ސަލާމަތްވެ ތިބެ އާއްމު ދިރިއުޅުން ދިރިއުޅެވޭނެ ގޮތް ވުން ކަމަށެވެ.

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެ ހިނގަމުން އަންނަ ގައުމެއް ކަމަށާއި ރާއްޖެ އަދިވެސް ޔޫރަޕްގެ އެތައް ގައުމެގެ ސޭފް ޓްރެވަލް ލިސްޓުގައި ނުހިމެނުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ

"އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް އެއީ އެކަން އެހެން ވެފައި އެ އޮންނަނީ އަޅުގަނޑުމެން ކޮންކަމެއް ކޮން ގޮތަކަށް ގޯސްކޮށް ކޮށްގެންހޭ، މިސާލަކަށް އެލިސްޓުގައި ހިމިެނިފައިވާ އެހެން ގައުމެއް، ބައްލަވާފައި ދިވެހި ރާއްޖެ ނުހިމެނި މިއޮތީ ކޮން ސަބަބަކާ ހުރެތޯ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިނގިރޭސި ވިލާތަށާއި ޔޫރަޕްގެ ގައުމުތަކަށް އެހެން ކިތަންމެ ގައުމަކުން ދަތުރުކުރާ މީހުން ކަރަންޓީނު ވާން ނުޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖެ އައުމަށްފަހު އަނބުރާ ޔޫރަޕަށް ދާ ފަރާތްތައް ކަރަންޓީން ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހައިރާން ވޭ، އިނގިރޭސި ވިލާތަށް، ނުވަތަ ޔޫރަޕްގެ ގައުމުތަކަށް ކިތަންމެ ގައުމަކުން ދަތުރުކުރާ މީހުން އެ ގައުމުގައި ކަރަންޓީން ވާކަށް ނުޖެހޭ. އެހެންނަމަވެސް ރާއްޖެއަށް އައިސްފައި އަލުން އަނބުރާ ޔޫރަޕަށް ދިޔައިމަ ކަރަންޓީން ވާން އެބަޖެހޭ" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކަންބޮޑުވުމާމެދު ހެލްތު މިނިސްޓަރު ވިސްނާވަޑައިގެން އެކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.