ރިޕޯޓް

ގައުމަށްޓަކައި ޖިހާދުވި އަލިރަސްގެފާނު ޒިޔާރަތް، ވެދުން ކުރީ ކުނި ގޮނޑެއްގެ އިއްޒަތް!

މަރިޔަމް ޝަހުދާ

5

ދިވެހިރާއްޖޭގެ ތާރީހަކީ އެހާމެ މުއްސަނދި ގިނަގުނަ ވާހަކަތަކެއްގެ މައްޗަށް ބިނާވެގެން އަންނަ ތާރީހަކަށް ވީއިރު، ނިސްބަތުން މި ކުޑަކުޑަ ގައުމުގެ ހިމާޔަތުގައި ނިކުތް ބަތަލުންގެ ވާހަކަތަކަކީ އަޅުގަނޑުމެން ކުޑައިރު ވަރަށްވެސް ޝައުގުވެރިކަމާ އެކު ކިޔަމުން އައި ވާހަކަ ތަކެކެވެ. ރަސްކަމުގެ ޒަމާނުގައި އުތީމު ތިންބެއިން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަ އާއި 1988 ވަނަ އަހަރުގެ ތިނެއް ނޮވެމްބަރުގައި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމަށް ޝަހީދު ހުސައިން އާދަމް ކުރެއްވި ވަރުގަދަ ޖިހާދަކީ އެތައް ބައެއްގެ ތައުރީފާއި ޝުކުރު އަދިވެސް ކެނޑިނޭޅި ލިބެމުން އަންނަ ކަންކަމެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ޝައުބާން މަހު އެކެއް ފާހަގަ ކުރަމުން އަންނަނީ ޝަހީދުންގެ ދުވަހުގެ ގޮތުގެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި ބަތަލުންގެ ތެރެއިން އަލިރަސްގެފާނު ޝަހީދުވެގެން ދިޔަ ދުވަހެވެ. ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނުގެ ޒިޔާރަތަކީ އެ ރަސްގެފާނު ދިވެހި ގައުމަށް ޓަކައި، ކޮށްދެއްވި އަގު ނުކުރެވޭ ގުރުބާނީގެ ހަނދާނުގައި ބިނާކުރެވިފައި ހުންނަ ޒިޔާރަތެކެވެ.

މި ކުޑަކުޑަ ރާއްޖެ ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކުރުމަށް އެފަދަ ބޮޑު ގުރުބާނީއެއް ވެވަޑައިގަތް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި މާތް ގަދަރަކާއި އިހުތިރާމެއް ދީފައިވާ ބަތަލު ފަސްދާނުލެވިފައިވާ މި ޒިޔާރަތަކީ ރާއްޖޭގެ އެހާމެ މުހިއްމު އެއް ތާރީހީ ބިނާ ކަމަށް ވާއިރު، އެތަނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރު ބޮޑެވެ.

އެހެން ނަމަވެސް އެތަނުން މިހާރުު ފެންނަނީ ހިތާމަ ހުރި މަންޒަރެކެވެ. މިފަދަ ތާރީހީ ތަނެއްގެ ކުރިމައްޗަށް ކުނި އަޅައި އަލިރަސްގެފާނުގެ ގުރުބާނީއަށް ވެދުން ކޮށްފައި ވަނީ ކުނި ގޮނޑެކެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމު ފަރުދަކު ޕޯސްޓް ކުރި ފޮޓޯއަކުން ފެނިގެން ދަނީ މިފަދަ މަންޒަރެކެވެ. އަލިރަސްގެފާނު ޒިޔާރަތުގެ ދޮރުމަތި ކުނި ގޮނޑަކަށް ވެފައިވާތަނެވެ. އެތަނުގެ ގޭޓުގެ އިތުރުން ފާރުކައިރީވެސް އޮތީ ހުސް ކުންޏެވެ. ކޮތަޅު ކޮޓަޅުގައި ފުނިޖަހައިފައި ހުރި އެކި ޒާތްޒާތުގެ ކުންޏެވެ. މި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ރާއްޖޭގެ ނަން މަޝްހޫރު ފުންނާބު އުސް ނޫސްވެރިޔަކު ވަނީ އޭނާގެ ހިތުގައި އުފެދުނު ގައުމީ ޝުއޫރުވެސް ބަންޑުން ކޮށްލައިފައެވެ.

އޭނާ ބުނީ ދިވެހީންގެ މިނިވަންކަމާއި ދީނަށްޓަކައި އަލިރަސްގެފާނު ކުރެއްވި ޖިހާދުގެ އަގުވަޒަން ކުރަނީ ކުނި ގޮނޑެއްގެ އިއްޒަތް ދީގެން ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މިހާރު އެތަން ސާފުކޮށްފައިވާނެ ކަމަށެވެ. ޝަމާއު ވަނީ މިކަން ކުރި މީހުންގެ އަމަލު ކުށްވެރިކޮށް، އެކަން ކުރި މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައެވެ.

ޝަމާއު ވިދާޅުވި ގޮތުން އަލިރަސްގެފާނުގެ ޒިޔާރަތަކީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަނަކަށް ވީނަމަވެސް މާލޭގެ އެކި ސަރަހައްދަށް ކުނި އެޅުމުގެ މައްސަލަތަކަކީ ކައުންސިލާއި އެންވަޔަރަމަންޓް ޕޮލިސްގެ ޒިންމާގެ ދަށަށް އަންނަ ކަމެއް ކަމުން މި ޒިޔާރަތުގެ ދޮރުމައްޗަށް ކުނި އެޅުމުގެ ކަންކަން އެ ކައުންސިލުންވެސް ބަލަން ޖެހެއެވެ.

އެގޮތުން މި މައްސަލަ ދިމާވަނީ މާލޭގައި ހުންނަ އެހެން އާސާރީ ތަންތަނާ ހިލާފަށް އަލިރަސްގެފާނު ޒިޔާރަތަކީ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވާތީ ކަމަށް ލަފާ ކުރެވޭ ކަމަށް ޝަމާއު ވިދާޅުވިއެވެ. މީގެ ކުރިން ހުކުރު މިސްކިތް ސައިޓަށް ކުނި އެޅުމުގެ މައްސަލައެއް ފެންމަތިވި ނަމަވެސް، އަލިރަސްގެފާނު ޒިޔާރަތް ނޫން އެހެން އެއްވެސް އާސާރީ ތަނަކަށް ކުނި އެޅުމުގެ މައްސަލައެއް ފަހަކަށް އައިސް ފާހަގަ ވެފައި ނުވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އަލިރަސްގެފާނު ޒިޔާރަތް ފަދަ ތަންތަނަށް ކުނިއެޅުން ފަދަ ކަންކަމުން ހާމަވެގެން ދަނީ ދިވެހީންގެ ހިތްތަކުގައި ގައުމަށް އޮތް ލޯތްބާއި ގައުމީ އަބުތާލުންނަށް އޮތް ގަދަރުގެ ކުޑަކަމެވެ. ނުވަތަ އެފަދަ އެއްވެސް ގަދަރެއް، ލޯތްބެއް ނެތް ކަމެވެ.