އެމްޓީޑީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރުމަކީ ބާތިލް ނިންމުމެއް ކަމަށް އިލްކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ވަން އޮންލައިން"އަށް ވިދާޅުވީ ޖަލު ހުކުމެއްގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީގެ އެއްވެސް މަގާމަކަށް ނާދެވޭނެ ކަމަށެވެ.
"އަހްމަދު އަދީބަށް ހުރެވޭނީ ހަމައެކަނި ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި. ޖަލު ހުކުމެއްގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީގެ އެއްވެސް މަގާމަކަށް ނާދެވޭނެ،" އަކްރަމް ވިދާޅުވިއެވެ.
އެމްޓީޑީގެ ރައީސްކަމަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު އައްޔަންކުރެއްވި އިރު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.