އަހްމަދު އަދީބު އަބްދުލްގަފޫރު

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

1

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ.

އެމްޓީޑީގެ ރައީސް ކަމަށް އަދީބު އައްޔަންކުރައްވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައެވެ.

އެމްޓީޑީގެ ރައީސްކަމަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު އައްޔަންކުރެއްވި އިރު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.

އެމްޓީޑީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ސީނިއާ ނައިބު ރައީސް އަދި ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ސިޔާސީ ޕާޓީއެއްގެ އިންތިގާލީ މަރުހަލާގައި ރައީސަކަށް އައްޔަން ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ އިންތިގާލީ މަރުހަލާގެ ރައީސަކަށް އަހްމަދު އަދީބު އައްޔަންކޮށްފައި. އަޅުގަނޑުމެން ކައުންސިލުން އަދީބު އައްޔަންކުރީ މެޖޯރިޓީ ވޯޓަކުން. އަޅުގަނޑުމެން އަދީބު އައްޔަންކުރުމުގެ ކުރިން ގާނޫނީ ލަފައެއް ހޯދާލިން ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެތޯ. ގާނޫނުގައެއް ނޯވޭ އިންތިގާލީ މަރުހަލާއެއްގައި އަޅުގަނޑުމެންނަށް އެޕޮއިންޓް ނުކުރެވޭނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެންނަށް ލިބިފައިވާ ގާނޫނީ ލަފާގެ މަތިން އަޅުގަނޑުމެން އެޕޮއިންޓްކުރީ އަޅުގަނޑުމެންގެ ރައީސަކަށް އަހްމަދު އަދީބު،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟