މަޖިލީހުގެ ރައީސް

މަޖިލީހުގެ ކަންކަމާ ނުބެހުމަށާއި ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރުމަށް މަޖިލިސް ރައީސް އަމީނަށް އަންގަވައިފި

އިބްރާހިމް ޒަކީ

2

ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި، ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމާ ނުބެހުމަށް މުއައްސަސާތަކަށް ދަންނަވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އަށް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ހިންގަންވީ ގޮތާއި ގުޅޭގޮތުން ކަމަށް ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްްވުމަށާއި، މަޖިލީހުން ކުރާ ކަންކަމާ ގުޅިގެން ވުޒާރާތަކުން އެބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހެލްތު މިނިސްޓްރީން އެބަވޭ މި މަޖިލިސް ހިންގަންވީ ގޮތާ ގުޅޭގޮތުން ކަމަށް ދޭހަވާ ގޮތަށް ބަޔާނެއް ނެރެފައި. އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވަން ދިވެހި ރާއްޖޭގެ ގާނުނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި މި މަޖިލީހުން ކުރާ ކަންކަމާ ވުޒާރާތަކުން އެބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ފެއިލް ވެފައިވާ ކަމަށާއި ހެލްތު މިނިސްޓްރީގެ މަސައްކަތް ބޮއްސުންލާފައިވާ ކަމަށް ހުށަހެޅި މައްސަަލަތަކެއް ބަލަން މަޖިލީހުގެ އިޖުތިމާއި ކޮމިޓީން ކުރިއަށްގެންދިޔަ މަސައްކަތަކުގައި އެ މައްސަލަ ހުށަހެޅުއްވި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބައެއް ފަރާތްތައް ކޮމިޓީއާ ހިއްސާކުރެއްވި މައުލޫމާތުތަކަކާ ގުޅިގެން ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައި ވަނިކޮށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ މައްސަލަތައް އެފަރާތްތަކުން ފުރަތަމަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަަށެވެ. ކޮމިޓީން އެ މަސައްކަތް ފެއްޓެވީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ ރައީސް ކޮމިޓީއާ ހަވާލު ކުރެއްވުމުންނެވެ.

މަސައްކަތުގެ ދަށުން އެ ފަރާތްތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވައިފައެވެ. އެބައްދަލުވުމުގައި ސިއްހީ ދާއިރާއިން އެބޭފުޅުންނަށް ފާހަގަވާ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ކޮމިޓީއާ ހިއްސާ ކޮށްފައެވެ. އެކަމާގުޅިގެން ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ދެއްވާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ވިދާޅުވެ ބައެއް ޑޮކްޓަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވައިފައެވެ.

އެކަމަށް ރައްދުދެއްވައި ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސިއްހީ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ މި ދާއިރާގެ ހާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށާއި ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވައިލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށެވެ. މި މަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ދާއިރާގެ އެކި ކަންކަމަށް ބޭފުޅުން މަސްއޫލުވެ ތިބެގެން އެބޭފުޅުންގެ ބައިވެރިވުމާއެކު ކަމަށްވެސް ބަޔާނުގައި ވެއެވެ.

"މިދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތްތައް ދަނީ ކުރެވެމުން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން ގެންދަނީ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ދަށުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟