ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ޖެނިފާ އައްޔަންކުރައްވައިފިއެވެ.
އައިއޭއެސްއެލްގެ ބޯޑުން ޖެނިފާ އެމަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.
މީގެ ކުރިން ވެސް ޖެނިފާ ވަނީ އައިއޭއެސްއެލްގައި ވަޒީފާ އަދާކުރައްވައިފައެވެ. އޭނާއަކީ ކުރިން އެކުންފުނީގެ ޑެޕިއުޓީ ހެޑް އޮފް ކާގޯގެ މަގާމު އަދާކުރެއްވި ކަނބަލެކެވެ. ޖެނިފާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވެސް މެމްބަރެކެވެ. އޭނާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ އދ. ދަނގެތި ދާއިރާގެ ރައީސެވެ.
އައިއޭއެސްއެލްގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ މަހު އައްޔަންކުރައްވާފައިވަނީ މުހައްމަދު ރިޒްވީއެވެ. ރިޒްވީއަކީ ކުރިން މޯލްޑިވިއަން ހޮލިޑޭސް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅެކެވެ.