އިލެކްޝަންސް ކޮމިޝަން

އީސީގެ ކުލަ ނުވަތަ އެކުލައިގެ ޝޭޑްއެއް ސިޔާސީ ޕާޓީއެއްގެ ކުލައެއްގެ ގޮތުގައި ރަޖިސްޓަރީކޮށްނުދޭން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ ކުލަ ނުވަތަ އެކުލައިގެ ޝޭޑްއެއް ސިޔާސީ ޕާޓީއެއްގެ ކުލައެއްގެ ގޮތުގައި ރަޖިސްޓަރީކޮށްނުދިނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޮމިޝަނުގެ ރަސްމީ ކުލަ ނުވަތަ އެ ކުލައިގެ ޝޭޑްއެއް ސިޔާސީ ޕާޓީއެއްގެ ކުލައެއްގެ ގޮތުގައި ރަޖިސްޓަރީކޮށްނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ބޭނުންކުރާ ކުލައެއް ނުވަތަ އެކުލައިގެ ޝޭޑްއެއް އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓަރީ ނުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައި،" ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ކުލަ ރަޖިސްޓަރީކޮށްދިނުމާ ގުޅޭގޮތުން ޝަރީފް ވާހަކަދައްކަވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކުލައެއްގެ ގޮތުގައި "ޓާކުއޮއިސް" ކުލަ ބޭނުންކުރަން އުޅޭކަމުގެ އަޑުތަކެއް އިވެމުންދަނިކޮށެވެ.

އީސީން މިއަދު ރައީސް ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިން އިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނައި، ޕާޓީގެ ރަޖިސްޓަރީ ވަނީ އެ ޕާޓީއާ ހަވާލުކޮށްފައެވެ.