ބޮލީވުޑް

30 މިލިއަން ފޮލޯވާސް އާއެކު ދީޕިކާގެ މޫން ވޯކް

މިއަހަރަކީ ބަތަލާ ދީޕިކާ ޕަޑުކޯނުގެ މަގުބޫލުކަން އިތުރުވި އަހަރެކެވެ. ސަބަބުތަކުގެ ތެރޭގައި މިއަހަރު ރިލީސްކުރި ފިލްމު ޕަދްމާވަތްގެ ކާމިޔާބީ އާއި ކައިވެނީގެ ހަފްލާތައް ހިމެނެއެވެ.

ބަބްލީކޮށް އުޅޭ ދީޕިކާ އިއްޔެ ވަނީ އަނެއްކާވެސް ލޯބި ކަމެއް ކޮށްލައިފައެވެ. އޭނާގެ އިންސްޓަގްރާމްގެ ފޮލޯވާސް 30 މިލިއަނަށް އެރުމުން އެކަމުގެ އުފަލުގައި މޫން ވޯކް ކުރާ ވީޑިއޯއެއް އިންސްޓަގްރާމުގައި ވަނީ ޕޯސްޓުކޮށްފައެވެ. ހުދު ކުލައިގެ ސްނީކަރައަށް އަރައިގެން ދީޕިކާ ހުރި އިރު ލާފައި ހުރީ އަތް ދިގު ޓީޝާޓަކާއި ކަކުލާ ހަމައަށްދާ ސްކާޓެކެވެ.

މި ވީޑިއޯ ހިއްސާ ކުރަމުން ކެޕްޝަނުގައި ދީޕިކާ ލިޔެފައިވަނީ 30 މިލިއަނަށް މޫން ވޯކް ކުރާ ވާހަކައެވެ. އަދި އޭނާއަށް ދެމުން އަންނަ ލޯތްބަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ދީޕިކާ ދެން ފެންނާނީ މެގްނާ ގުލްޒާރުގެ ފިލްމު "ޗަޕާކް" އިންނެވެ. އެ ފިލްމަކީ އެސިޑް އެޓޭކްގެ ޝިކާރައަކަށްވި ލަކްސްމީ އަގަރްވާލުގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ.