ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ހިލޭ ތެރަޕިއުޓިކް ހިދުމަތްދޭން ފަށަނީ

މަރިޔަމް ޝަހުދާ

1

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަންނަ ޖެނުއަރީން ފެށިގެން އާސަންދައިގެ ދަށުން ހިލޭ ތެރަޕިއުޓިކް ހިދުމަތް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވެފައިވަނީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދެއް ކަމަށްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ވައުދަކީ މިސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދެކެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝިދާތާ ވަނީ ތެރަޕިއުޓިކް ހިދުމަތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާއިން ބޮޑު ހޭދައެއް ކުރަންޖެހޭއިރު، މި ޕްރޮގްރާމް ފެށުމާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން މިއީ ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއް ނަމަވެސް ސަރުކާރަަށް މުހިއްމީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތާއި ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުން ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އެ ފަރާތްތަކުގެ އާއިލާ އާއި ތެރަޕިއުޓިކް ހިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލް، ކްލިނިކް އަދި ޖަމިއްޔާތަކުން ބައިވެރިވެ ވަނީ އެކަމާ ގުޅޭގޮތުން ހިޔާލު ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟