ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަަރުވި މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް އޭނާގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ، އެންފޯސްމެންޓް ޑިރެކްޓްރޭޓްގެ އޮފީހަށް މިއަދު ހާޒިރުކޮށްފިއެވެ.
ރިއާ މިއަދު ބަޔާން ނެގުމަށް މުމްބާއީގައި ހުންނަ އީޑީގެ އޮފީހަށް ހާޒިރުކޮށްފައިވަނީ ސުޝާންތުގެ މަރާ ގުޅިގެން އެ އޮފީހުން ބަލަމުންގެންދާ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެންނެވެ.
ރިއާ ބަޔާން ދިނުމަށް އީޑީގެ އޮފީހަށް ހާޒިރުވެފައިވަނީ އޭނާގެ ބޭބެ ޝޯވިކް ޗަކަރަބޮޓީއާއެކުގައެވެ. ރިއާ ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގައި ސުޝާންތުގެ މައްސަލައިގައި އަޑުއެހުންތައް ނިމުމުން ބަޔާން ދޭގޮތަށް ފަސްކޮށްދިނުމަށް ވެސް އެދިފައެވެ. އެހެންނަމަވެސް އީޑީ އިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ސުޝާންތުގެ މަރުގެ މައްސަލައިގައި އާ ތަހުގީގުތަކެއް ކުރަން ފެށީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެ މައްސަލަ ބަލަން ފެށުމުންނެވެ.
ސުޝާންތުގެ މަރާ ގުޅިގެން ސީބީއައިއަށް މައްސަލަ ހުށަހަޅާފައިވަނީ ރިއާ އަދި އޭނާގެ ބޭބެއާއި މަންމައާއި އިތުރު ދެމީހުންނާ ދެކޮޅަށެވެ. އެގޮތުން އެމީހުންގެ މައްޗަށް އަމިއްލައަށް މަރުވުމަށް ހިތްވަރުދިނުމާއި ވައްކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސުޝާންތުގެ ޕާސަނަލް ޑައިރީގެ ބައެއް ސަފުހާތައް ވަނީ ވީދާލައިފައެވެ.
ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވެފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. އޭނާ އަމިއްލަ މަރުވެފައި ހުއްޓައި ފެނިފައިވަނީ މުމްބާއީގެ ބަންޑްރާގައި ހުންނަ އޭނާގެ ގޭގައެވެ.