ރިޕޯޓް

ޔަމަން ޔާސިރުގެ މަރު: ޝަރީއަތެއް ނެތި ބަންދުގައި ތިންއަހަރު! ދިވެހި އަންބަކާއި ދިވެހި ދަރިޔަކުވެސް އެބަހުރި!

މުހައްމަދު ސިމާއު

3

ޔާސިރު ޔަހްޔާ ސާލެހް މުތީ އަލް-ވާދީ ނުވަތަ ޔާސިރު ޔަހްޔާ އަކީ ޔަމަނުގައި ހިންގަމުން އަންނަ ދާހިލީ ހަނގުރާމައިގައި ހޫތީން ރަސްކަން ކުރި އަމްރާނަށް އުފަން މީހެކެވެ. އެ ހަނގުރާމަތަކުގައި އޭނާ ބައިވެރިކަން އެނގެން ނެތް ނަމަވެސް މީގެ ހަ އަހަރު ކުރިން އޭނާ ރާއްޖެއަށް އެތެރެވި އެވެ. ޓޫރިސްޓު ވިސާގައި އޭނާ ރާއްޖެ އައީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިސާބުގަ އެވެ. އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގދ. ނަޑެއްލާ މީހަކާ އޭނާ ކައިވެނިކޮށް، މޯލްޑިވްސް އިމިގްރޭޝަނުން އޭނާއަށް މެރިޖް ވިސާ ވެސް ދޫކުރި އެވެ. ރާއްޖޭގައި އޭނާ ހޭދަކުރި ދުވަސްވަރު މާލޭގެ ބައެއް މިސްކިތްތަކުގަ އާއި ބައެއް ސްކޫލުތަކުގައި އަރަބި ކިޔަވައިދޭން ވެސް އޭނާ އުޅުނެވެ.

ނަމަވެސް އޭނާގެ ވާހަކަތައް ފެންމަތި ވީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭނާ ހައްޔަރު ކުރުމުންނެވެ. ފުލުހުންނަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، އޭނާ ހައްޔަރުކުރީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ. އޭރު ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އޭނާ ހައްޔަރުކުރީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އެ އަހަރުގެ މާޗް މަހު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅާ ދިމާކޮށް ސައުދީގެ އެޖެންސީތަކުން ދިން މައުލޫމާތެއްގެ މައްޗަށެވެ. ނަމަވެސް އޭރު ރާއްޖޭގައި ފެތުރެމުން ދިޔަ ސްވައިން ފުލޫ ރޯގާއާ ގުޅިގެން ސައުދީ ރަސްގެފާނު އެ އަހަރު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

އެ ދުވަހުން ފެށިގެން ޔާސިރު ޔަހުޔާ ހުރީ ބިދޭސީން ބަންދުގައި ބަހައްޓާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ. އެތަނުގައި ދެ ފަހަރެއްގެ މަތިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއެވެ. ހާލު ސީރިއަސްވެގެން ފަރުވާ ދެމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.

އަލްގައިދާއާ ގުޅުން އޮތް ކަމުގެ ބޮޑެތި ތުހުމަތުތަކެއް

ޔާސިރުގެ މަރަށްފަހު މޯލްޑިވްސް އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، ޔާސިރަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީފެންވަރުގެ ޓެެރަރިސްޓު ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްްތައް ރާވައި ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގުކޮށްފައިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވެ އެވެ.

އޭގެ އިތުރުން ޔާސިރަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުގައި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި އެކި ފަހަރުމަތިން ބަންދުކުރެވިފައިވާ މީހެއް ކަމަށާއި އެކި ގައުމުތަކުން ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ވަން" އަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނި ގޮތުގައި، ފުލުހުން ޔާސިރަށް ތުހުމަތު ކުރަނީ އަލްގައިދާގެ ސީނިއާ ލީޑާޝިޕްގެ އިސްމީހުންނާ ގާތް ގުޅުމެއް ބާއްވާ މީހެއްގެ ގޮތުގަ އެވެ. އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ 10 ބޮޑީ ގާޑުންގެ ތެރޭގައި ޔާސިރު ހިމެނޭ ކަމަށާއި އަލްގައިދާއާއެކު ޔާސިރު ހަރަކާތްތެރި ވި ދުވަސްވަރު ތަފާތު ހަތިިޔާރު ބޭނުން ކުރާނެ ގޮތުގެ ތަމްރީނުތަކެއް ހެދި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

"ވަން" އަށް މައުލޫމާތު ލިބުނު ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި ޔާސިރު ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި 2007 ވަނަ އަހަރު ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާ ރާވައި ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރި މުހައްމަދު އަމީން އާއި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް މަރު ކޮމިޝަނުން ބުނާ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ ވެރިންނާއި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހިމެނޭ މީހުންނާ ގުޅުން ބާއްވަމުން ގޮސްފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ވެސް އާންމުކޮށްފައެއް ނުވެ އެވެ.

ރާއްޖެ ދޫކޮށް ދިއުމަށް އެންގި، ދެ ފަހަރަކު ހައިހޫނުކަމުގެ ހަޅުތާލުކުރި

ޔާސިރުގެ މައްސަލައިގައި ވަކީލުންނާއި ކަމާބެހޭ އިދާރާތަކުން ވެސް ދައްކާ އެއް ވާހަކައެއް ސާފުވެ އެވެ. އެއީ ފެބްރުއަރީ 1، 2017 ގައި ޔާސިރު އިމިގްރޭޝަނަށް ހާޒިރުކޮށް އެއް މަސް ކުރިން ރާއްޖެއިން ދިއުމަށް އަންގައިފައި ވުމެވެ.

ނަމަވެސް ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެ އެންގުމާ އެއްގޮތަށް ޔާސިރު އަމަލުކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ރާއްޖެއިން ފުރައިގެން ދިއުމަށް އެންގި ކަމަށާއި ތަކުރާރުކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށް މުއްދަތު ދިން ނަމަވެސް ފުރައިގެން ގޮސްފައި ނުވާތީ މާޗް 2، 2017 ގައި ޔާސިރަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް އޭނާ ފުރުވައިލެވެންދެން ޑިޓެންޝަން ސެންޓަރުގައި ބަންދުކުރި ކަމަށް ކަމާބެހޭ އިދާރާތަކުގެ ބުނެ އެވެ.

ނަމަވެސް ޔާސިރުގެ އާއިލާގެ ވަކީލުން އެކަން ދޮގުކުރެ އެވެ. ވަކީލުން ބުނާ ގޮތުގައި އެއް މަސް ތެރޭގައި ޔާސިރަށް ރާއްޖެއިން ދެވެން ނެތް ކަމަށް އިމިގްރޭޝަނަށް އެންގި އެވެ. އެއީ އަނބިމީހާ ބަލިވެ އިނުމުންނާއި ބަނޑަށް އަށް މަސް ވެފައިވާތީ ވައިގެ މަގުން ދަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވުމުންނެވެ. ވިހައި ގަދަވުމުން ފުރައިގެން ދާނެ ކަމަށް ޔާސިރު އިމިގްރޭޝަނަށް އެންގި ކަމަށް ވަކީލުން ބުނެ އެވެ. އަދި އޭޕްރިލް 9، 2017 ގައި ޔާސިރަށް ވަނީ އަންހެން ދަރިޔަކު ލިބިފަ އެވެ. ޔާސިރުގެ އަންހެނުންނާއި ތިން އަހަރުގެ އަންހެން ދަރިފުޅު ދިރިއުޅެނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގަ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ޔާސިރުގެ އަންހެނުން ވިހެއީ ޔާސިރު ޖަލުގައި އޮއްވައެވެ. އެއިރު ޖަކު ބައްދަލުވުން ދެމުން އައީ މަހަކު އެއް ފަހަރު އެވެ. އެއިރު ޖަލު ބައްދަލުވުމަށް އަންހެނުން ޖަލަށް ދާއިރު ދަނީ ދަރިފުޅުވެސް ގޮވައިގެންނެވެ. އެންމެ ފަހުން ޔާސިރަށް އޭނާގެ ދަރިފުޅު ފެނިފައި ވަނީ މިދިޔަ މާޗު މަހު ހިސާބުގައެވެ. އަންހެނުންނަށް ޔާސިރު ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ ޔާސިރުގެ ހާލުބޮޑުވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އެ ދުވަހަށްފަހު ޔާސިރު އަނެއްކާވެސް ކާން ފެށި ކަމަށާއި ކެއުން ވަކި ތާވަލަކުން ކުރިޔަށް ގެންދާން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ވަންއަށް އެނގިފައި ވެއެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ޔާސިރު ބަންދުކޮށްފައި ހުއްޓައި ކެއުން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވެ އެވެ. އެއީ މިދިޔަ ރޯދަ މަހާއި މިދިޔަ މަހުގެ ތެރޭގަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ގޮތުން ޔާސިރު އެކަން ކުރީ އޭނާގެ މައްސަލައަށް ރާއްޖޭގެ އާންމުންގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

ޔާސިރު އާއިލާގެ ވަކީލުން ބުނި ގޮތުގައި، ޔާސިރު ފުރަތަމަ ފަހަރަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފަށައިފައިވަނީ ގާނޫނުތަކާ ހިލާފަށް އޭނާ ހައްޔަރު ކުރުމުންނާއި އިންސާނީ ހައްގުތަކާއި އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން އޭނާއަށް ލިބެންޖެހޭ އަސާސީ ހައްގުތަކެއް ލިބެމުން ނުދާތީ ކަމަށެވެ. އަދި އެފަހަރު ހަޅުތާލު ނިންމައިލައިފައިވަނީ ހަޅުތާލު ނިންމާލައި އެއްބާރުލުން ދިނުމަށް ކަރެކްޝަނަލް ސާވިސް އާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

"ވަން" އަށް ލިބިފައިވާ އަދި ކަރެކްޝަންސްގެ އޮފިޝަލަކު "ވަން" އަށް ކަށަވަރު ކޮށްދީފައިވާ އެ އެއްބަސްވުން ހަދައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ އެއްބަސްވުމުގައި ރާއްޖެއިން ފުރައިގެން ދިއުމަށް ސަރުކާރުން ޔާސިރަށް ހުއްދަ ދިނުމަށާއި ހޮސްޕިޓަލާއި ބަންދުގައި ހުންނައިރު ގޭގައި ކައްކާ ކާ އެއްޗެހި އަންހެނުން މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިދިނުމަށާއި ކޮންމެ ދުވަހަކު އަންހެނުންނާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ޔާސިރުގެ ފަރާތުން ޝަރުތުކޮށްފައި ވެއެވެ.

އޭގެ އިތުރުން ޔާސިރު އަމިއްލަ އިސްނެގުމުގެ މަތިން ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދުމުން ދެ މަސް ދުވަހުގެ ތެރޭގައި ފުރައިގެން ދިއުމަށް ޝަރުތުކޮށްފައި ވެއެވެ. ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ސޮއިކޮށް، ޔާސިރާއި އޭނާގެ އަންހެނުން ސޮއިކޮށްފައިވާ އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެ އެއްބަސްވުން ހެދީ ދެ މަސް ދުވަހަށެވެ.

ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ދެވަނަ ފަހަރަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށި އެވެ. މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ޔާސިރު އެ ހަޅުތާލު ފެށީ އާއިލާ ބައްދަލުވުންތަކާއި ފޯނު ކޯލް ދިނުން ހުއްޓައިލުމުން ކަމަށް އާއިލާގެ ވަކީލުން ބުނެއެވެ. އަދި އެ ހައްގުތައް ނުލިބެނީ އޭނާއަކީ ބިދޭސީއަކަށް ވުމުން ކަމަށާއި ފޯލް ކޯލް ނުދެނީ ކޮވިޑް-19އާ ގުޅިގެން ކަމަށް ކަރެކްޝަންސް އިން ޔާސިރުގެ އާއިލާއަށް އަންގައިފައިވާ ކަމަށް ވަކީލުން ބުނެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ކަރެކްޝަންސް އަށް "ވަން" އިން ގުޅުމުން އެތަނުގެ މީޑިއާ އޮފިސަރު ވިދާޅުވީ، ޔާސިރަށް ލިބެން ޖެހޭ ހުރިހާ ހައްގެއް ލިބިދީފައި ވާނެ ކަމަށެވެ. އޭނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ނުރައްކާތެރި" މީހަކު ހައްޔަރުކުރަން ތިން އަހަރު، ވަކީލުންގެ ކަންބޮޑުވުން

ޔާސިރުގެ މަރަށްފަހު ދައުލަތުގެ ތިން އިދާރާ އިން ގުޅިގެން ނެރުނު ބަޔާނަށް ޔާސިރުގެ އާއިލާގެ ވަކީލުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެގޮތުން މުޖުތަމައަށް ނުރައްކާ ފަރާތެއް ކަމަށް ދައުލަތުގެ އިދާރާތަކުން ނިންމައި ރާއްޖެއިން ފުރައިގެން ދިއުމަށް އެންގިއިރު، އެފަދަ މީހަކަށް މެރިއެޖް ވިސާ ދީ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ތިން އަހަރާއި 16 ދުވަސް ވަންދެން ދޫކޮށްފައި ބެހެއްޓުމަކީ ދައުލަތުން ކޮށްފައިވާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް ވަކީލުން ބުނެ އެވެ.

ވަކީލުން އިތުރަށް ބުނީ، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި މީހުން ރެކްރޫޓު ކުރުމަށް އުޅޭ ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު ޔާސިރު ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އޮޅުން ފިލުވައިދީފައެއް ނުވެއެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވުމަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަން ވެސް ވަކީލުން ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވަގުތުން ރާއްޖެއިން ފުރައިގެން ދިއުމަށް ޔާސިރަށް އެންގި އެންގުމާއި ހިލާފުވެފައިވާ ކަމަށް ބުނެ އޭނާ ބަންދުކުރި ނަމަވެސް، ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ފަރާތްތައް ބަންދުކުރުމަކީ އެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ ރޫހާއި ހިލާފަށް ކޮށްފައިވާ ބަންދެއް ކަމަށް ވެސް ވަކީލުން ބުނެ އެވެ.

"ޔާސިރު ޔަހުޔާ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރެވުނު ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވާނެ ނުވަތަ ދިފާއު ވާނެ އެއްވެސް ފުރުސަތެއް ނުދީ އެއްވެސް ތަހުގީގެއް އަދި ޝަރީއަތެއް ހިންގުމެއް ނެތި އެފަދަ ބޮޑު އިލްތިޒާމެއް ޔާސިރުގެ ބޮލުގައި އެޅުވި އެޅުވުމަކީ ދިވެހި ދައުލަތުގެ މުއައްސަސާއަކުން ކޮށްފައިވާ އިންސާނީ ކަރާމާތާ ހިލާފު ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމުގައި ދެކެމެވެ،" ޔާސިރު އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޔާސިރުގެ ކަށުކަމާކެމީގެ ކަންކަން ނިންމައި ވަޅުލާން ނިންމައިފައި ވަނީ މިއަދު މެންދުރު ނަމާދަށްފަހުގަ އެވެ.