ބޮލީވުޑް

އަންނަ އަހަރު ފިލްމީ ދާއިރާއަށް ނިކުންނާނެ ކަމަށް ބެލެވޭ ސްޓާ ކިޑްސް

މަގުބޫލު ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ ގިނަ ސްޓާ ކިޑްސް ތަކެއް ފިލްމީ ދާއިރާއަށް ނެރެފައެވެ. މިއަހަރު އެކަނިވެސް ކަރަން ވަނީ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓާ ފިލްމީ ދުނިޔެއަށް ނެރެފައެވެ. މީގެ އިތުރުން ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާގެ ދެވަނަ ފިލްމު "ސިމްބާ" ވެސް ޕްރޮޑިއުސްކުރީ ކަރަން އެވެ.

ނޭހާ ދޫޕިޔާގެ ޓޯކްޝޯގައި ކަރަންއަށް ވަނީ އަންނަ އަހަރު ބޮލީވުޑަށް ނުކުންނާނެ ކަމަށް ބެލެވޭ ސްޓާ ކިޑްސް އަކީ ކޮބައިތޯ ސުވާލު އަމާޒު ކޮށްފައެވެ.

ކަރަން ބުނީ ޖާވިދު ޖެފަރީގެ ދަރިފުޅު މިޒާން އާއި ސްރީދޭވީ އަދި ބޯނީ ކަޕޫރުގެ ދެވަނަ އަންހެން ދަރިފުޅު ޚުޝީ ކަޕޫރު އަންނަ އަހަރު ފިލްމީ ދާއިރާއިން ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ކަރަން ވަނީ މިޒާންއަކީ ބޮޑު ސްޓާރަކަށް ވުމުގެ ގާބިލު ކަން ހުރި ފަންނާނެ ކަމަށްވެސް ބުނެފައެވެ. އަދި ޚުޝީގެ ރީތިކަމަށް ތައުރީފު ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިޒާން ފެނިގެން ދާނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުންނެވެ. އަދި ބައެއް މީޑިއާތަކުގައިވާ ގޮތުގައި ޚުޝީ ފިލްމީ ދާއިރާއަށް ނުކުންނާނީ ކަރަންގެ ފިލްމަކުންނެވެ. މި ފިލްމުގައި ޚުޝީ އާއި އެކީ ފެނިގެން ދާނެ ކަމަށް އަޑު ފެތުރިފައި ވަނީ ބޮލީވުޑްގެ ރަސްގެފާނު ޝާޚުގެ ދަރިފުޅު އަރްޔާން ޚާން އެވެ.