އެމްއާރްޑީސީ

އެމްއާރުޑީސީގައި މަސައްކަތް ކުރި 700 އަށްވުރެ ގިނަ މުވައްޒަފުން ވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި!

އަހުމަދު ޖައިޝަން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގައި މަސައްކަތްކުރި 700 އަށްވުރެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް މުވައްޒަފުން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެމުން އެމްއާރުޑީސީގައި މަސައްކަތް ކުރި މުވައްޒަފަކު ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއާރުޑީސީ އުވާލަން ނިންމުމުން އެތަނުގައި ތިބި ހުރިހާ މުވައްޒަފުން ހައުސިން މިނިސްޓްރީއަށް ބަދަލުކުރި ކަމަށެވެ.

"އަސްލު 700 އަށްވުރެ ގިނަ މުވައްޒަފުން އެބައުޅޭ، އޭގެތެއިން 400 ދިވެހީން އެބައުޅޭ. މިހުރިހާ އެންމެނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން. އެ ހުރިހާ އެންމެންގެ ވަޒީފާ ބަދަލުކުރީ އޭރުގެ ހައުސިން މިނިސްޓްރީގެ ދަށަށް،" އޭނާ ބުންޏެވެ.

އަދި ހައުސިން މިނިސްޓްރީ ބައިކޮށްލިއިރު މިހާރު އެ މުވައްޒަފުންތައް ތިބީ ޕްލޭނިން މިނިސްޓްރީގެ ދަށުގައި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި އެމީހުން ތިބީ ޕަބްލިކް ވޯކްސްގެ ދަށުގައެވެ.

އެމްއާރުޑީސީގެ މުވައްޒަފުން ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރިއިރު އެމީހުންގެ އެއް އަހަރުގެ ކޮންޓްރެކްޓް އަންނަ ފެބްރުއަރީގެ 15ގައި ހަމަވެއެވެ.

"އަދި މި އަހަރުގެ ޖުލައި 22ގައި ވަނީ އިންޓާނަލް މެމޯއެއް މުވައްޒަފުންނަށް ފޮނުވާފައި. އެ މެމޯގައި ބުނެފައިވަނީ މުވައްޒަފުންގެ ކޮންޓްރެކްޓް ތިން އަހަރަށް އެކްސްޓެންޑް ކުރާނެ ކަމަށް،" އޭނާ ބުންޏެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެފަދަ މަސައްކަތެއް ކުރަން އުޅޭ ކަމުގެ ނިޝާނެއް ލިބިފައި ނުވާކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ ދެކެވޭ ވާހަކަތަކުން ހުރިހާ މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލަ ސަރުކާރުގެ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ވަން އަށް މައުލޫމާތު ދެއްވަމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެ ފަރާތްތަކުންގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.