އިބްރާހީމް މުއާޒް އަލީ

ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއަކީ ޔާމީނާއި އަދީބު ޖައްސަން ޕީޕީއެމްގެ ތެރެއިން ގެނައި އިންގިލާބެއް: މުއާޒް

ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖައްސަން ޕީޕީއެމްގެ ތެރެއިން ގެނައި އިންގިލާބެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މުއާޒް އެހެން ވިދާޅުވެފައިވަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގައި އާދަޔާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވުމަށް އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މުއާޒް ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ވެސް އަދީބަށް އޮތް ހަސަދަވެރިކަން ވަރަށް ގާތުން ދެކެފައިވާ ކަމަށާއި ޕާޓީގެ ތެރެއިން ވެސް އަދި ޕާޓީގެ ބޭރުން ވެސް އަދީބަށް ސިޔާސީ ވާދަވެރިކަން އޮތް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ވެސް އޭރުވެސް އެންމެ ޖެހިލުންވެވަޑައިގަންނަވާ އެއް ބޭފުޅަކީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުކަން ފާހަގަކުރަން. އެހެންކަމުން ޕާޓީގެ އެތެރެއިންވެސް އަހްމަދު އަދީބަށް އޮތް ހަސަދަވެރިކަން އަޅުގަނޑު ވަރަށް ގާތުން ދުށިން. އިންޓާނަލް ޕޮލިޓިކަލް ޕްރެޝަރު، ހަމައެހެންމެ ޕާޓީން ބޭރުގެ ސިޔާސީ ވާދަވެރިކަން،" އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ރައީސް ޔާމީން ބަލިކޮށްލެވޭނީ އެންމެ ފުރަތަމަ އަދީބު ބަލިކޮށްލައިގެން ކަމަށް އެ ފަރާތްތަކަށް ވިސްނުނު ކަމަށާއި އޭރު ރައީސް ޔާމީނާއި އަދީބާ ދެމެދު އޮތީ ތޯތޯ އެކުވެރިކަމެއް ނުވަތަ ތޯތޯ ގުޅުމެއް ނޫން ކަމަށެވެ.

"ރައީސް ޔާމީނާއި އަހްމަދު އަދީބާ އޭރު އޮތީ ތޯތޯ ގުޅުމެއް ނޫން. ތޯތޯ އެކުވެރިކަމެއް ވެސް ނޫން އޭރު އުފެދިފައި އޮތީ. އެހެންވީމާ ކުޑަކުޑަ ކަމަކުން އެ ގުޅުމަށް ބުރޫ އަރުވާލަން އުނދަގޫވާނެތާ. ވަރަށް ބޮޑު ތުހުމަތަކުންތާ، ވަރަށް ބޮޑު ކަމަކުންތާ، ރައީސް ޔާމީނާއި އަހްމަދު އަދީބު ދޭތެރެއަށް ވަދެވޭނީ،" އޭނާ ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ އަބްދުއްރަހީމް ކިޔާ ބޭފުޅެއް ކަމަށްވިޔަސް، މޫސާ ޒަމީރު ކިޔާ ބޭފުޅެއް ކަމަށްވިޔަސް، އެހެން ބޭފުޅެއް ކަމަށްވިޔަސް، އަދީބު ކިޔާ ބޭފުޅަކު ރައީސް ޔާމީން ގާތުގައި ހުންނެވުމުން އެބޭފުޅުންނަށް އެހާ ފަސޭހައެއް ނުވި ކަމަށެވެ.