އިބްރާހީމް މުއާޒް އަލީ

ލޯންޗުކޮޅުގައި ގޮވި މައްސަލައިގައި އުމަރު ދެއްކި ވީޑިއޯ ހަދާފައިވަނީ އަލިފާނުގެ އެފެކްޓެއް ބޭނުންކޮށްގެން!

1

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން އޭރުގެ ހޯމް މިނިސްޓަރު އަދި އެކަން ތަހުގީގުކުރުމަށް އުކުލަވާލި ކޮމިޝަންގައި އިސްކޮށް މަސައްކަތްކުރެއްވި އުމަރު ނަސީރު ދެއްކެވި ވީޑިއޯއަކީ އަލިފާނުގެ އެފެކްޓެއް ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ތުހުމަތުކުރައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ އެދުވަހު ލޯންޗުކޮޅު ތެރެއިން އަލިފާނުގެ އެއްވެސް އަސަރެއް ފެނިފައިނުވާ ކަމަށާއި އެހެންނަމަވެސް ރައީސް އޮފީހަށް ހާޒިރުކޮށް އުމަރު ވީޑިއޯއެއް ދެއްކެވި ކަމަށެވެ.

މުއާޒް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ހާޒިރުކުރުމުން ބަޔާން ދީފައިވާނެ ކަމަށާއި ލޯންޗުކޮޅުގައި އެ ހާދިސާ ހިނގިއިރު އަލިފާނުގެ އެއްވެސް އަސަރެއް ހުރިތޯ ފުލުހުން ސުވާލުކުރި ކަމަށެވެ.

އަލިފާނުގެ އެއްވެސް ކުލައެއް، އަސަރެއް ފެނިފައިނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް ފަހުން ރައީސް އޮފީހަށް ހާޒިރުކޮށް އޭރުގެ ހޯމް މިނިސްޓަރު އަދި އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަންގައި އިސްކޮށް ހަރަކާތްތެރިވި އުމަރު ނަސީރު ވީޑިއޯއެއް ދެއްކެވި ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ވީޑިއޯއަކަށް "އާފްޓާ އެފެކް" ފަދަ ސޮފްޓްވެއާތަކުން އެފެކްޓުތައް ގެނެވޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ގޭގައި ހުއްޓައި އުމަރު ނަސީރު ވިދާޅުވަނީ ވަރަށް އަވަހަށް ރައީސް އޮފީހަށް އައުމަށް. ދިޔައިރު އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ތަނުގައި ޕްރޮޖެކްޓަރެއް އެޅުވުމަށް ތައްޔާރުކޮށްފައި ހުރީ. ސީޑީއެއް ނޫސްވެރިންނަށް ދައްކުވައިދިނުމަށް އުމަރު އެދުނު. އުމަރު ދެންނެވީ ވީޑިއޯ ދައްކާފައި ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށް. އަލިފާނުގެ ކުލައެއް ފެނުނީ ކޮމިޝަންގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އުމަރު ނަސީރު ދެއްކެވި ވީޑިއޯއިން،" އޭނާ ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ އެ ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ދެންނެވި ކަމަށާއި އެކަމަކު މާލޭގެ ފަޅަށް ވަންނަތަނުން ފެށިގެން ވީޑިއޯ ކުރުމަށް ކެމެރާމަނަށް އަންގާފައިނުވާނެ ކަމަށެވެ. އަދި ކެމެރާމަނަށް އަންގާފައިވާނީ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟